02 Dec 2017, 09:42
ތައުލީމީ ދާއިރާއިން ތައުލީމީ މުއައްސަސާތައް އުފައްދަވައި ހިންގެވުމުގެ ރޮނގުން މިއަހަރު ގައުމީ އިނާމު ހާސިލްކުރެއްވި އެވިޑް ކޮލެޖުގެ މަސްއޫލުވެރިޔާ އަބްދުﷲ މުޝްތާގަކީ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ ބޭފުޅެކެވެ. އޭނައަކީ އެވިޑް ކޮލެޖުގެ ޗެއާމަންއެވެ. މަތީ ތައުލީމު ހޯދައިގެން މުޖުތަމައުއަށް ނުކުންނަ ދަރިވަރުގެ އަދަދު ދުވަހެއް ދުވަހަށް އިތުރުވެގެންދާއިރު، އޭނާގެ ބުރަމަސައްކަތުން ދަސްވެނިވެގެން އެތައް ދިވެހި ދަރިންނެއް މި މުޖުތަމައުއަށް ހިދުމަތް ކުރަމުންއެބަދެ އެވެ. މަތީ ތައުލީމުގެ ދާއިރާއަށް އޭނާ ކޮށްދެއްވަމުން އަންނަ މަސައްކަތަކީ އަގުހުރި ހިދުމަތެވެ. އެވިޑް ކޮލެޖު ވުޖޫދަށް އުފަންކޮށް، ކޮންމެ އަހަރަކު އެ ކްލެޖުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ތައުލީމީ ދާއިރާގެ ގޮންޖެހުންތަކާއި ވާދަވެރި މާހައުލުގައި މުޝްތާގު ކުރަމުންދާ މަސައްކަތް އޭނާ ވަނީ ސަންއާ ހިއްސާކޮށްފަ އެވެ.
އެވިޑް ކޮލެޖު ފެށުނީ ކިހިނެއް؟
އެވިޑަކީ ރާއްޖޭގައި މިހާރު އެންމެ ކާމިޔާބު ކޮލެޖުތަކުގެ ތެރޭގައި ހިމެނޭ ކޮލެޖަކަށް ވިޔަސް މުޝްތާގުގެ ހިތް އޮތީ އެންމެ ފުރަތަމަ ތައުލީމާ ދާއިރާއަކަށް ނޫނެވެ. ތައުލީމު އުގަންނައިދިނުމަކީ ގައުމީ ހިދުމަތަކަށް ވާއިރު މުޝްތާގު ފުރަތަމަ އަޒުުމު ކަނޑައަޅައިގެން ހުންނެވީ ވެސް ގައުމަށް ވަކި ކުޑަ ހިދުމަތެއް ކޮށްދޭ ކަށެއް ނޫނެވެ. މުސްތާގު އެންމެ ފުރަތަމަ ބޭނުންފުޅުވީ ސިފައިންގެ މީހަކަށްވާށެވެ.
ނަމަވެސް ކިޔަވައިދިނުމަކީ ކުރިން ވެސް މުސްތާގަށް އާކަމެއް ނޫނެވެ. ގްރޭޑް ހައެއްގައި އުޅުއްވި އިރު ވެސް މުސްތާގު ގެންދެވީ ޓިއުޝަން ނަގައިދީ ހައްދަވަމުންނެވެ. މުޝްތާގު ޓިއުޝަން ނަންގަވަން ރަސްމީ ސިފައެއްގައި ފެއްޓެވީ ފޯކަސް އެޑިއުކޭޝަން ސެންޓަރުގައި އޭނާ މަސައްކަތްކުރައްވަން އުޅުއްވަނިކޮށް ކުދިންތަކަކަށް ކިޔަވައިދެއްވަން ފުރުސަތު ލިބިވަޑައިގަތް ސާބުންނެވެ.
އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ސަން އަށް އިންޓަވިއުދެއްވަނީ--ސަން ފޮޓޯ: ފަޔާޒު މޫސާ
މުޝްތާގުގެ ކިޔަވައި ދެއްވި ކުދިންތައް އޭނާ އަށް ދިން ހިތްވަރަކީ އޭނާ ކިޔަވައިދެއްވުމަށް އެޅުނު ފުރަތަމަ ފާލެވެ. އެ މަސައްކަތުގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެކެވެ.
"ކްލާހުގައި ކިޔެވި ދަރުވަރުން ވަރަށް ބޮޑަށް އަޅުގަނޑަށް ހިތްވަރުދިން. ވިލިނގިލީގެ އަންހެނުން ކޮމެޓީގެ ރައީސާ އާބިދާގެ ފަރާތުން ލިބުނު ފުރުސަތެއް އަޅުގަނޑަށް އަންހެނުން ކޮމެޓީގައި ބެލެނިވެރިންގެ ދައުރާ ބެހޭ ގޮތުން ކޮންމެ ވެސް ވަރެއްގެ މައުލޫމާތެއް ހިއްސާކޮށްލަން. އެހާ ހިސާބުން އަޅުގަނޑު އަމިއްލައަށް ނޯޓްސްތައް ތައްޔާރުކޮށް އެއާބެހޭ ގޮތުން އަޅުގަނޑު އަމިއްލައަށް ދިރާސާކޮށް އަޅުގަނޑު ދިން ޕްރެޒެންޓޭޝަން ވަރަށް ކާމިޔާބުވީ،" މުޝްތާގު ވިދާޅުވި އެވެ.
ވިލިނގިލީ އަންހެނުން ކޮމެޓީގެ ދެއްވި ޕްރެޒެންޓޭޝަނަށް ފަހު މުޝްތާގުގެ ކެރިއަރުގައި މަޑުމަޑުން ކުލަޖެހެން ފެށި އެެވެ. އެގޮތުން ފޮރިން މިނިސްޓްރީ އާއި އަދި އީޕީއެސްގައި ހިންގި ކަސްޓަމާ ޕްރޮގްރާމްތަކުން މުޝްތާގަށް ލިބިވަޑައިގެންނެވި ތައުރީފާއި ހިތްވަރުން "ލީޑާޝިޕް"ގެ ނަމުގަައި ޝީ ބިލްޑިންގެ ކޯސްތައް މުޝްތާގު ނަގައިދެއްވަން ފެއްޓެވި ހިސާބަކީ އެވިޑްގެ ބިންގާ އެޅުނު ހިސާބެވެ.
"ޝީ ބިލްޑިންގައި ކްލާސްތައް ނަގައިދެމުންދަނިކޮށް އަޅުގަނޑަށް އަމިއްލަ ޒަމީރު ގަބޫލު ކުރެވުނީ މިހާރު އަޅުގަނޑު ވެއްޖެއޭ އަމިއްލައަށް ކްލާސްތައް ނަގައިގެން އިންސްޓްޓިއުޝަނެއް ނުވަތަ ތަނެއް ނަގައިގެން ވެސް މަސައްކަތް ކުރަން. ދެން އެ ހިސާބުން ކޯސް އެމްކިޔުއޭ އެޕްރޫވްކޮށް ސެޓްފިކެޓް ލެވެލްގައި ކޯސް އަޅުގަނޑު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ފެއްޓީ. އެއަށް ފަހު އަޅުގަނޑު ހެންވޭރު ދިވަރު ފަސްޓްފްލޯގައި އަޅުގަނޑު އެވިޑް ޓްރޭނިން ސެންޓަރުގެ ނަމުގައި ސެންޓަރެއް ގާއިމްކޮށްގެން އަޅުގަނޑު ކިޔަވަދޭން ފެށީ،" މުޝްތާގު ވިދާޅުވި އެވެ.
އެވިޑު ވުޖޫދަށް ގެނައުމަށް ދަތި އޮޅިގަނޑުތަކެއް ގިރާކުރެއްވި
ރާއްޖޭގެ މަގުބޫލު ކޮލެޖަކަށް އެވިޑް ހެއްދެވުމަށް މުޝްތާގު ގިރާކުރެއްވީ އާދައިގެ އޮޅިގަނޑުތަކެއް ނޫނެވެ. އެވިޑް ސެންޓަރެއްގެ ގޮތުގައި ހިންގަމުންދަނިކޮށް ފުރަތަމަ ދިމާވީ ހީވެސްނުކުރާ ކަމަކާ އެވެ. އެއްރޭ ހުރިހާ ސާމާނުތަކެއް ކުއްލިއަކަށް ވަގަން ގެންދިޔުމުން މުޝްތާގުގެ ވިޔަފާރި އަޑިއަޅައިލި އެވެ.
"އަޅުގަނޑުގެ ހުރިހާ ކޮމްޕިއުޓަރު ސިސްޓަމްތައް، ސާވާ އަދި ހުރިހާ ލިޔެކިޔުންތައް ވެސް ވަގަށް ގެންދިޔައީ،" މުޝްތާގު ވިދާޅުވި އެވެ.
ނަމަވެސް އަނެއްކާ ވެސް އެކިއެކި ޓްރެއިނިން ޕްރަގްރާމްތައް ހިންގައިގެން ލިބުނު ލާރިން އަޑިގަނޑުން މުޝްތާގު އަރައިގަތެވެ.

އެވިޑް ކޮލެޖުގެ އާ އިމާރާތް: އެ ކޮލެޖުގައި މިހާރު ދަނީ 1000 އަށްވުރެ ދަރިވަރުން މަތީތައުލީމު ހާސިލްކުރަމުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެ ވަނައަށް މުޝްތާގު ކުރިމަތިލާން ޖެހުނު ކޮޅިގަނޑު ހުދު މުޝްތާގަށް ފުރަތަމަ ގަބޫލުކުރަން ވެސް ދަތިވި އެވެ. ޒުވާން އުމުރުގައި ކިޑްނީ ފެއިލްވެ، ނުރައްކަލާ ކުރިމަތިލާންޖެހުނެވެ. ނަމަވެސް އެ ކޮޅިގަނޑާ ވެސް މުޝްތާގު ކުރިމަތިލެއްވީ ހިތްވަރާ އެކު ނުގުޑާ ފަދަ އަޒުމެއްގަ އެވެ. ރައްޓެހިންނާއި މުޝްތާގުގެ ދަރިވަރުންނާ ގުޅިގެން ފައިސާ އެއްކުރުމަށް މުޝްތާގު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެވެ. އެކިއެކި ޓްރެއިނިން ޕްރޮގްރާމްތަކާއި އަދި ޓީޝާޓު ފަދަ ތަކެތި ވިއްކަވައިގެން ކިޑްނީއެއް ހޯދުމަށް ކުރި ދަތުރު މުޝްތާގު ކާމިޔާބުކުރެއްވި އެވެ.
ޢާ ކިޑްނީއެއް ލެއްވުމަށް މުޝްތާގު ކުރެއްވި ހިވާގި މަސައްކަތުގެ ފޮނި މޭވާ ފެނިގެން ދިޔައީ 2012 ވަނަ އަހަރު އެވިޑް ސެންޓަރު ކޮލެޖަކަށް ބަދަލުވި ހިސާބުންނެވެ.
މުޝްތާގު ވިޔަފާރި ފުޅާކުރި އެއްވެސް ލޯނެއް ނުނަގާ
އެވިޑް ފަދަ ކޮލެޖެއް ރާއްޖޭގެ އެންމެ ވަރުގަދަ ކޮލެޖުތަކާ އެއްސަފެއްގައި ފައިހަމަކުރުމަށް މުޝްތާގު މަސައްކަތް ކުރެއްވީ އެއްވެސް ލޯނެއް ނުނަގައޭ ބުނުމުން ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދާނެ އެވެ. ނަމަވެސް މިއީ ހަމަ ކަންއޮތް ހަގީގަތެވެ.
"އަޅުގަނޑު އަބަދު ވެސް މަސައްކަތްކުރީ އަޅުގަނޑަށް ލިބޭ މިންވަރަކުން. ނެތް ފެންވަރަކުން އަޅުގަނޑު ނޫޅެން. އެހެންވެ އަޅުގަނޑު އެއްޗެއް ނެތީމަ އަޅުގަނޑު ނުކުތީ ނީލަން ފިހާރައަށް. އަލުގަނޑަށް އޭރު ވެސް ދެއްވާފައި ހުރި އިލްމަކީ ހުސްނުކުރެވޭނެ އެއްޗެއް. އެކިއެކި ކުދިން ކްލާސްތަކަށް އައުމުގެ ސަބަބުން އަޅުގަނޑަށް ލިބުނު ފާއިސާގެ ސަބަބުން ނީލަން ފިހާރައިން ވެސް ބައެއް އެއްޗެތި ގަނެގެން އަޅުގަނޑު މަސައްކަތް ފެށީ. ދެން ކުދިން ޑޭބައިޑޭ ފައިސާ ދެއްކީމާ އަޅުގަނޑު އޭގެ ބޭނުން ހިފަނީ،" މުޝްތާގު ވިދާޅުވި އެވެ.
އެވިޑް ފަށައިގަތް ދުވަސްވަރު މަހުގެ ދިހައެއް އަންނަންވާއިރަށް މުސާރަ ދިނުމުގައި ދަތިތަކެއް ދިމާވި ކަމުގައިވިޔަސް މިހާރު އެކޮލެޖުން މަސް ނިމޭ އިރު ހުރިހާ މުވައްޒަފުންނަށް މުސާރަ ބަރާބަރަށް ދޭ ކަމަށް ވެސް ފަހުރުވެރިކަމާއެކީ މުޝްތާގު ވިދާޅުވި އެވެ.
އެވިޑް ކޮލެޖް މުޅިން އާއުސްމިނަކަށް
މުޝްތާގުގެ މަސްއޫލުވެރިކަމުގައި އެވިޑް ކޮލެޖުން ކަނޑައެޅި މާސްޓާޕްލޭނަށް މިހާރު ދެވިފައިވާ ކަމަށް މުޝްތާގު ވިދާޅުވި އެވެ. ސެޓްފިކެޓުން ފެށިގެން މާސްޓާސްއާ ހަމައަށް ކިޔަވައިދޭ ކޮލެޖުން މިހާރު ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ އެހެން އެއްވެސް ކޮލެޖަކުން ހާސިލްކޮށްފައިނުވާ ފަހުރެއް ހާސިލް ކުރުމަށް ތައްޔާރުވަމުންނެވެ.

އެވިޑްކޮލެޖުގެެ މި އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން---
މުޝްތާގު ވިދާޅުވީ އެކޮލެޖުން މިހާރު ތައްޔާރުވަމުން ދަނީ ރާއްޖޭގެ އެމްކިއުއޭ އިން ފާސްކޮށްފައިވާ މާސްޓާސް އިން ޓީޗިން ކޯހެއް އަންނަ އަހަރު ލަންކާގެ ޔުނިވާސިޓީއެއްގައި ހިންގުމަށެވެ. ރާއްޖޭގެ އެއްވެސް ޔުނިވާސިޓީއެއް އަދި ކޮލެޖެއްގެ ކޯހެއް މިހާތަނަށް ބޭރުގެ އެއްވެސް އިންސްޓިއުޝަނެއްގައި ކިޔަވައިދީފައެއް ނުވެ އެވެ.
ގައުމީ އިނާމު ހާސިލްކުރެއްވި މުޝްތާގަށް ބައިނަލްގްވާމީ ޝަރަފްވެރި އެވޯޑެއް
ގައުމީ އިނާމާ އެކު ނުހަނު ހިތްހަމަޖެހިވަޑައިގެންފައި ހުރި މުޝްތާގަށް މިއަހަރުވީ ވަރަށް ފާގަތި އަހަރެކެވެ. ދުނިޔޭގެ އެކިތަންތަކުގެ މަސައްކަތެރިންނަށް އޭއެސްޑީއެފް އިން ދޭ ބެސްޓް އެކަޑެމިކް ޗެއާމަންގެ އެވޯޑް މި އަހަރުގެ ޑިސެމްބަރު މުޝްތާގަށް އަރުވާނެކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.
އޭއެސްޑީއެފްއިން ދުނިޔޭގެ އެކިކަންކޮޅުތަކުގެ 1000 މީހުންނަށް އެކި ރޮނގުތަކުން އެވޯޑްތައްދޭ އިރު އެފަދަ އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްކަމަށް ހުދު މުޝްތާގު ވެސް އެއްބަސްވެވަޑައިގަތެވެ.
ހަޔާތުގެ އެކިކުލަތައް ތަޖުރިބާކޮށްފައިވާ މުޝްތާގަކީ ފިސާރި ކެރޭ ހިތްވަރުގަދަ ބޭފުޅެކެވެ. ދިރިއުޅުމުގައި ދިމާވި އެކިއެކި ކޮޅިގަނޑުތަކާ ކުރިމަތިލެއްވީ ފިސާރި ސާބިތުކަމާއެކީ އެވެ. މިއީ އަދުގެ ޒުވާނުންނަށް ހުރި ހަމަ ނަމޫނާ ޒުވާނެކެވެ.
"ކާމިޔާބަކަށް އެދެންބޭނުންވާ މިީހާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އަމިއްލަ ނަފުސުދެކެ ލޯބިވުން އަމިއްލަ ނަފުސުދެކެ ލޯބިވާ މީހަކު އަމިއްލަ ނަފުސު ވައްޓާލަން މަސައްކަތެއް ނުކުރޭނެ. އެހެންވީމާ ﷲ އިރާދަފުޅާއި ވާގިފުޅަށް އެދި މަސައްކަތް ކުރާށޭ، ތިމަންނައަށް އެކަން ވާނެޔޭ. ބައިވަރު ގޮންޖެހުންތައް ކުރިމަތިލާންޖެހޭނެކަން އަޒުމްކަނޑއަޅައިގެން ހުރެގެންނޭ ނުކަންނަންވާނީ،" މުޝްތާގު ވިދާޅުވި އެވެ.