01 Dec 2017, 16:34
ރާއްޖެ ކައިރީގައި އުފެދިފައިވާ ތޫފާނާ ގުޅިގެން، ދިވެހި ރައްޔިތުންނަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކަން ދިނުމަށް އެންމެ މަތީ ދަރަޖާގައި ތައްޔާރަށް ތިބުމަށް ދައުލަތުގެ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި އެވެ.
ރައީސްގެ އެ އެންގެވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހީމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވިއްސާރައާ ގުޅިގެން ލިބެމުންދާ ގެއްލުންތައް ރައީސް ޔާމީން ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ބާރުގަދަ ވަޔާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން މިދާ ވިއްސާރައިން ރައްޔިތުން ރައްކާތެރިވެ، ސަމާލުވެ ތިއްބެވުމަށް ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވި ކަމަށް މުއާޒުގެ ޓްވީޓުގައި ބުނެފައިވެ އެވެ.
މުއާޒު ވިދާޅުވި ގޮތުގައި ވިއްސާރައިގައި ލިބިފައިވާ ގެއްލުންތައް ބެލުމަށްފަހު، ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
ކޯސްޓޯގާޑުގެ ކޮމާންޑަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް އެކަމަށް ހުސްކުރުމަށް ރައީސް ޔާމީން އަންގާފައިވާ ކަމަށެވެ.