01 Dec 2017, 16:15
މިދިޔަ ބުދަ ދުވަހު ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދުނު އޯޗީ ތޫފާނާ ގުޅިގެން އެ ގައުމަށް ނެރުނު ރެޑް އެލާޓް ދެ ދުވަހަށް ފަހު އުވާލައިފި އެވެ.
ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު "ސަން"އަށް މިއަދު ވިދާޅުވީ ލަންކާއަށް މޫސުން ރަނގަޅުވަމުންދާ ކަމަށާއި އެހެންކަމުން ރެޑް އެލާޓް އުވާލާފައިވާ ކަމަށެވެ.
މުންދު ފާހަގަ ކުރެއްވި ގޮތުގައި ލަންކާގައި މިހާރު އިއުލާންކޮށްފައި ވަނީ އާންމު ނޯޓިހެކެވެ.
"މިހާރު ނެރުއްވާފައި އޮތީ ހަމަ ޖެނަރަލް ނޯޓިސް އެއް. މަޑުމަޑުން ރަނގަޅުވަމުންނޭ އަންނަނީ ނަމަވެސް ރަނގަޅުވާނީ ދުވަސްކޮޅެއްގެ ތެރޭގައޭ. އެހެން ނަމަވެސް އެ ވަގުތު ތެރޭގައި ވެސް ސަމާލުވާންވީ ކަންތައްތަކެއް އަންގާފައިވަނީ،" މުންދު ވިދާޅުވިއެވެ.
މޫސުން ގޯސްވުމާ ގުޅިގެން ސަމާލުވާންވީ ކަންތައްތަކުގެ ތެރޭގައި ކަނޑު ދަތުރުފަތުރާއި ގުގުރައި ވިދާތީ އެކަމަށް ވެސް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށް މުންދު ވިދާޅުވިއެވެ.
ތޫފާނުގެ ސަބަބުން ކޮލަމްބޯ އިން އެއްކޮށް ކަރަންޓް ކެނނޑުނު ނަމަވެސް މިހާރު އަންނަނީ މަޑުމަޑުން ހުރިހާ ހިސާބަކަށް ވެސް ކަރަންޓް ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިން އުޅެމުންދާ ބައެއް ހިސާބުތަކުން ވެސް ކަރަންޓް ކެނޑިފައިވާ ކަމަށާއި ކަރަންޓު ކެނޑުނު ގެތަކުގައި ދިރިއުޅޭ ދިވެހި އާއިލާތައް ތިބީ ރައްކާތެރި ހޮޓެލް ތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ލަންކާގެ މީޓިރޮލަޖީން ބުނީ ތޫފާން އުޗީ މިހާރު އޮތީ ކޮލަމްބޯގެ ހުޅަނގުން 650 ކިލޯ މީޓަރު ދުރުގައި އަރަބި ކަނޑުގައި ކަމަށެވެ. ނަމަވެސް އަދިވެސް އައްސޭރިފަށަށް ބޯކޮށް ވާރެވެހި ކޮޅިގަނޑުގައި 50 މޭލާއި 60 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް ރޮލަޖީން ބުންޏެވެ.