ސަރުކާރުގެ އިސްވެރިންގެ ބަރަހަނާ މަންޒަރުތައް ލީކުވި މައްސަލައިގައި އެ މަންޒަރުތަކުން ފެންނަ މީހުންގެ މައްސަލަތައް ނުބަލައި، އެ ފަރާތްތަކަށް މުސާރަ ދެމުން ގެންދިއުމަކީ "ހިޔާނާތެއް" ކަމަށް ސިފަކޮށް، އެކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ޖަވާބުދާރީވެވަޑައިގަތުމަށް ލޭބާ ޕާޓީން ގޮވާލައިފި އެވެ.

ސަރުކާރު ހިންގާ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ދާދިފަހުން ރޫޅާލުމަށް ފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ލޭބާ ޕާޓީން މިއަދު ރައީސް ނަޝީދަށް ފޮނުވި ސިޓީގައި އެ ޕާޓީގެ ރައީސް އަހްމަދު ސަލީމް ވިދާޅުވެފައި ވަނީ، ރައީސް ނަޝީދުގެ އަރިސް ބޭބޭފުޅުންނާއި ޕާޓީގެ އިސް އެކްޓިވިސްޓުން ކޮންމެ ފަދަ ޖަރީމާއެއް އަދި ފާހިޝް އަމަލެއް ހިންގިޔަސް އެކަމެއް ތަހުގީގު ނުކުރެވޭނެ ކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ.

އަދި ވެބްކެމް ކުރިމަތީ ބަރަހަނާވި ސަރުކާރުގެ ބޮޑުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަ ތަހުގީގު ނުކުރެވި، އަދަބެއް ނުދެވުނު ތާނގައި، އެ ފަރާތްތަކުގެ މަގާމާ މުސާރަވީ އިތުރު ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

"މައްސަލައިގެ ހޫނުގަނޑު އޮބެންދެން ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދު ސިންގަޕޫރަށް ފުރުއްވާލައްވައި މިހާރުން އެތަނުން ވެސް ދިވެހި ދައުލަތުގެ ނަމުގައި މަގާމު އުފައްދަވައި ބޮޑު މުސާރަ އާއި އެކޮމޮޑޭޝަން އޭނާ އަށް ތިޔަދަނީ ދެއްވަމުންނެވެ. ހޯމް މިނިސްޓްރީގައި ތިއްބެވި މިފަދަ ބޭބޭފުޅުންނަށް ވެސް މިހާރު ވަނީ މަގާމުގެ އިތުރު ކުރިއެރުމާއި އިނާޔަތްތައް މަނިކުފާނު ދެއްވާފަ އެވެ،" ސަލީމް ވިދާޅުވެފައިވެ އެވެ.

އަދި ޓެކްސާއި އެނޫންގޮތްގޮތަށް ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން "ބަރަހަނާ ފިލްމު ކުޅުނު" މީހުންނާއި "ބޮޑެތި މުޑުދާރު ޖަރީމާތައް ހިންގިކަމުގެ ކުށުގެ ރެކޯޑު" އޮތް މީސްމީހުންނަށް މުސާރަ ދެމުން ދިޔުމަކީ ރައްޔިތުން އެދޭ ގޮތްތޯ ސަލީމް ސުވާލުކޮށްފައިވެ އެވެ.

"މިފަދަ މީސްމީހުންގެ މައްސަލަތައް ބެލުމަކާ ނުލައި އެމީސްމީހުންނަށް ސަރުކާރުން މުސާރަ ދެއްވުން އެއީ މަނިކުފާނު ގައުމަށާާއި ރައްޔިތުންނަށް ވެވަޑައިގަންނަވާ ހިޔާނާތަކަށް ނުފުދޭނެތޯ އެވެ؟ މަނިކުފާނަށް ތިޔަ ކުރެއްވެނީ ހަމަ މަގުން ރަނގަޅުކަމެއް ނަމަ، މަނިކުފާނު މިކަމުގައި ޖަވާބުދާރީވެވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ އެދުމެކެވެ،" ސަލީމް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އެމައްސަލަ ރިޕޯޓްކުރި ކުދިން ހައްޔަރުކޮށް، އަދި އެކަމާ ބެހޭ ގޮތުން ލިޔުނު ނޫސްވެރިން ފުލުސް އޮފީހަށް ހާޒިރުކޮށް ބިރު ދެއްކި ނަމަވެސް، އެ ވީޑިއޯތަކުން ފެންނަ ބޭބޭފުޅުންނަކީ "ހަމަ ހަގީގަތުގައި ވެސް މި މަންޒަރުތައް ކުޅުނު ބޭބޭފުޅުންތޯ ޔަގީން ކުރެއްވުމަށް ފެއްޓެވި ކަމަށް ބުނާ މަސައްކަތް އަދި އަދަށްވެސް ނުނިމޭ" ކަން ސަލީމް ފާހަގަކޮށްފައިވެ އެވެ.

"މަނިކުފާނުގެ ވެރިކަމުގައި މި މަސައްކަތް ފުލުހުންނަށް ނިންމާލެވޭނެއެކޭވެސް ހީއެއް ނުވެ އެވެ...ކުރީގެ ވެރިކަމުގައި ގާތް ރައްޓެހިންނާއި ތިމާގެ މީހުންނަށް އެހެން މިހެން ހަދަނީއޭ، އެމީހުންގެ އަނިޔާވެރިކަމާ ޖުރުމުތައް ސިއްރުކުރަނީއޭ ވިދާޅުވެ ކަރުން ނާރު ނަންގަވައި ވާހަކަދެއްކެވުމަށް ފަހު، މަނިކުފާނު ވެރިކަމަށް ވަޑައިގެން ކަންތައްތައް ތިޔަ ކުރެއްވެނީ އިހުނަށްވުރެ ވެސް ގޯސްކޮށް ހަމަލަމަ ނެތިކަން ހުދު މަނިކުފާނުގެ އަމިއްލަފުޅު ނަފްސަށް ވެސް ގަބޫލުކުރާނޭކަން ކަށަވަރެވެ." ސަލީމް ވިދާޅުވެފައިވެ އެވެ.

ޕްރެސް ސެކްރެޓަރީ ފޯނު ނުނަންގަވާތީ މި ސިޓީއާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.