ރާއްޖެ އާއި ލަންކާއާ ދެމެދު އުފެދިފައިވާ ތޫފާނާ ގުޅިގެން އުތުރުގެ އަތޮޚުތަކަށް މަހަށް ނުނުކުތުމަށް، މަސްވެރިންނަށް ގައުމީ ދިފާއީބާރު އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

"ތޫފާން އޯޗީގެ ލައިވް ކަވަރޭޖަށް" ސަންޓީވީއަށް ދެއްވި އިންޓަވިއުއެއްގައ ކޯސްޓްގާޑްގެ ކޮމާންޑަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ތޫފާނުގެ ބާރު ގަދަވުމުން، ކަނޑުގެ ބާނި ވެސް ބޮޑުވަމުން ދާ ކަމަށާއި އެފަދަ ކޮޅިގަނޑެއްގައި ޖެހިއްޖެނަމަ ދޯނި ބަންޑުން ޖަހާލަފާނެ އެވެ.

ކޯސްޓުގާޑުގެ ކޮމާންޑަރު ވިދާޅުވީ ރާއްޖޭގެ މަސް އަޅަނދުތަކަކީ ކުޑަ އުނޅަދުތަކެއް ކަމަށާއި ރައްކާތެރިކަމަށްޓަކާ އެފަދަ އުޅަނދުތަކުގައި ރާއްޖޭގެ އުތުރަށް މަހަށް ނުނުކުތުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށްޓަކައި އަޅުގަނޑުމެން ދޭ އިރުޝާދަކީ ކުރިއަށް އޮތް 24 ގަޑިއިރު މި ކޮޅިގަނޑު މި ސަރަހައްދުގައި އޮތީމަ މި ސަރަހައްދަށް ދަތުރު ނުކުރައްވާށޭ،" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

ތޫފާނުގެ ސަބަބުން އެމްއެންޑީއެފުން މީގެ ކުރިން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އެކަމުގެ ސަބަބުން މާލޭއިން އަތޮޅުތެރިއަށް މުދާ ގެންދިއުމުގައި ދަތިތައް ކުރިމަތިވެ ބައެއް ރަށްތަކުން ކާޑުގެ ބާވަތްތައް ހުސްވަމުންދާ ކަމުގެ ރިޕޯޓް ވެސް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"އަޅުގަނޑުމެންގެ ރައްޔިތުން މި ވަގުތު ވެސް ކެތްތެރިކަން އިތުރުކުރައްވާ އެބޭފުޅުން އެއްބަޔަކު އަނެއް ބަޔަކަށް މަދުވާ އެތިކޮޅު ދެއްވައިގެން ބައެއް ރަށްރަށުގައި މެނޭޖު ކުރައްވަމުން ގެންދަވާ ކަމަށް ވެސް އަޅުގަނޑުމެނަށް ވަނީ އިނގިފަ،" މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މޫސުމާ ބަހޭ ގައުމީ އިދާރާއިން ވަނީ އިއްޔެ 11:30 އިން ފެށިގެން ހއ. އަދި ކ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރިފައެވެ. އާންމު ގޮތެއްގައި 30 މޭލާ 35 މޭލާ ދެމެދު ވައިގަދަވާނެ ކަމަށް ލަފާކުރާއިރު ވިލާ ގަނޑުގައި 55 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.