01 Dec 2017, 15:09
މިހާރު ސްރީލަންކާ އަށް ކުރަމުންދާ ވިއްސާރާގައި އެގައުމުގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެފައިވާ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފި އެވެ.
އެ އެމްބަސީގެ މީޑިއާ އޮފިޝަލް މާޒިން 'ސަން' އަށް ވިދާޅުވީ، މިހާތަނަށް 11 ގެއަކަށް ގެއްލުންވުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މާޒިން ވިދާޅުވީ، އެ ގެތަކަށް ލިބިފައި ވަނީ ކުދި ކުދި ގެއްލުންތަކެއް ކަމަށެވެ. އެ ގޮތުން ގިނަ ގޭގެއަށް ދިމާވެފައި ވަނީ ފުރާޅު ހަލާކުވުމާއި ފުރާޅު އެއްލާލުން ފަދަ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ގެތަކަށް އެމްބަސީން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިހާރު ވާރޭ ވެހެމުންދަނީ ވަރަށް ތުނިކޮށް ކަމަށެވެ. އަދި މޫސުން މިވަގުތަށް އެހާ ގޯސް ނޫން ކަމަށާއި، އެހެން ނަމަވެސް ވިއްސާރަވިލާ އަރަމުންދާ ކަމަށް މާޒިން ވިދާޅުވި އެވެ.
ބައެއް ގޭގެއަށް ގެއްލުން ލިބިފައިވީ ނަމަވެސް، އެއްވެސް ދިވެއްސަކަށް އަދި މިހާތަނަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެ އެވެ.