ވޮޝިންޓަން (ޑިސެމްބަރު 1) : އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލަސަން މަގާމުން ދުރުކޮށް އެމަގާމަށް ސީއައިއޭގެ ޑައިރެކްޓަރު މައިކް ޕޮމްޕިއޯ އައްޔަން ކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތްކުރައްވާ ކަމަށް ފެތުރުނު ޚަބަރުތައް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ދޮގުކޮށްފި އެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ހީދާ ނޮވިޔަޓް ވިދާޅުވީ އެމެރިކާގެ ޑިޕްލޮމަސީގެ އިސްވެރިއެއްގެ ހައިޘިއްޔަތުން ޚާރިޖީ ވަޒީރުކަމުގެ މަގާމު އަދާކުރެއްވުމުގައި ޓިލަސަން ދެމިހުންނަވާނެ ކަމަށާއި ޓިލަސަން މަގާމުން ދުރުކުރުމުގެ ޚަބަރުތަކަކީ ތެދު ޚަބަރުތަކެއް ނޫންކަމުގަ އެވެ. ޓްރަމްޕްގެ ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް މޭޖަރު ޖެނެރަލް ޖޯން ކެލީވެސް ވަނީ ޓިލަސަން މަގާމުން ދުރުކުރުމަށް ޓްރަމްޕް މަސައްކަތްކުރައްވާ ކަމުގެ ރިޕޯޓްތަކަކީ ތެދު ރިޕޯޓް ތަކެއްނޫން ކަމަށް ވިދާޅުވެފަ އެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މާޓިސް ވެސް ވަނީ ޓިލަސަން މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޚާރިޖީ ކަންކަމުގައި އޭނާގެ ފިކުރާއި ޓިލަސަންގެ ފިކުރާ ފުށު އަރާތީ ޓިލަސަންއާ މެދު ހިތްހަމަނުޖެހޭކަން ދެފަހަރެއްގެ މަތިން ހާމަކުރައްވާފަ އެވެ. ނަމަވެސް ޓިލަސަން މަގާމުން ވަކިކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައެއް ނުވެ އެވެ.

މިފަދަ ފުށުއެރުންތައް ކުރިމަތިވާ މައްސަލަތަކުގައި އެމެރިކާ ސަރުކާރުން ކަންކަން ނިންމަނީ ރައީސް ޓްރަމްޕް ބަޔާންތައް ދެއްވާގޮތާ ޚިލާފަށް ޓިލަސަންއަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. ޓްރަމްޕަކީ ބައިނަލްއަގްވާމީ ކަންކަމުގައި އެމެރިކާގެ ސައިޒަށް ވުރެ މާ ހަރުކަށިކޮށް އަދި އެމެރިކާގެ ގާބިލްކަންނެތްވަރަށް ވަރުގަދަ ބަޔާންތައް ދެއްވުމަށް ފަހު ކުއްލިގޮތަކަށް އެއާ ޚިލާފަށް އަމަލުކުރައްވާ ބޭފުޅެކެވެ. މިގޮތުން އުތުރުކޮރެޔާއަށް ނިއުކްލިޔާ ހަތިޔާރުން ހަމަލާތައް ދީ އެގައުމު ފަނާކޮށްލާނެ ކަމުގެ އިންޒާރު ދެއްވުމަށް ފަހު އޭގެ އަނެއް ދުވަހު ޓްރަމްޕް ވަނީ ފަރުދާގެ އަނެއްފަރާތުން އެގައުމުގެ ލީޑަރު ކިންޖޮންގް އުން އަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް ސުލްޙަ ހުށަހަޅުއްވައިފަ އެވެ. މިގޮތަށް ދެފަހަރެއްގެ މަތިން ޓްރަމްޕް އަމަލުކުރައްވާފައިވެ އެވެ.

ޓްރަމްޕް ހިކި ހިއްވަރުގައި މިގޮތަށް ބަޔާންތައް ދެއްވަމުން ގެންދެވުމުގެ ސަބަބުން ބައިނަލްއަގްވާމީ ދުނިޔޭގައި އެމެރިކާ ބޮޑު ޖޯކަކަށްވެ އެމެރިކާ ފަޟީހަތްވަމުން ދެ އެވެ. ޓްރަމްޕާ ޚިލާފަށް ޓިލަސަންއަކީ ބައިނަލްއަގްވާމީ މައްސަލަތަކުގައި ތިލަފަތްހަމަ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެކެވެ. ޓްރަމްޕް، ކަންކަމާމެދު ހަރުކަށި ބަޔާންތައް ދެއްވުމާ އެކު މަސްރަޙް ހޫނުވުމުން މެދުމިނުގެ ހިކްމަތްތެރި ބަޔާންތައް ދެއްވައި މަސްރަޙް ފިނިކުރައް ވަނީ ޓިލަސަން އެވެ. އުތުރުކޮރެޔާގެ މައްސަލާގައާއި އެނޫން ވެސް އެތައް މައްސަލަތަކެއްގައި މިކަން މިގޮތަށް ހިނގާފައިވެ އެވެ.

ޓްރަމްޕްގެ ވިސްނުމާ ޚިލާފަށް ޓިލަސަން ހަރަކާތްތެރިވެ ވަޑައިގަތުމުން ވެސް އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ޓްރަމްޕަށް ކެރިވަޑައިނުގަންނަވަނީ ޓްރަމްޕްގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ދިފާއީ ވަޒީރު ޖޭމްސް މާޓީސް އާއި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު އެޗްއާރު މެކްމާސްޓާގެ ތާއީދު އޮތުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޓިލަސަން މަގާމުން ދުރުކުރަށް ޓްރަމްޕް ވިސްނަވަމުން ގެންދާ ކަމަށް ބުނާ ރިޕޯޓްތަކުގައި ބުނެފައި ވަނީ ޓްރަމްޕް ބޭނުން ވަނީ ޓިލަސަންގެ ބަދަލުގައި އެމަގާމަށް ސީއައިއޭގެ ޑައިރެކްޓަރު މައިކް ޕޮމްޕިއޯ އައްޔަން ކުރަންކަމުގަ އެވެ. ވައިޓް ހައުސްއިން މިރިޕޯޓް ދޮގުކުރި ނަމަވެސް ޓިލަސަންގެ ބަދަލުގައި ޚާރިޖީ ވަޒީރުކަމުގެ މަގާމަށް ޕޮންޕިޔޯ އައްޔަން ކުރުމާމެދު ޓްރަމްޕް ވިސްނަވާފައިވާކަން ނަން ހާމަކުރަން ނޭދޭ އޭނާގެ އަރިސް ބޭފުޅަކު ވަނީ ވިދާޅުވެފަ އެވެ. (ނޫސްއެޖެންސީތައް)