ގައުމީ އިނާމަށް އެދި ސަރުކާރުން ހުޅުވާލި ފުރުސަތުގައި މުއްދަތު ހަމަވި އިރު 102 ފޯމު ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ މެންބަރު ހުސެއިން އާމިރު މިއަދު ވިދާޅުވީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ޖުލައި މަހުގެ 31 އަށް ހަމަވި އިރު ހުށަހަޅާފައިވާ ފޯމްތަކުގެ ތެރޭގައި އެއް ނަމެއް ދެ ފަހަރަކު ރިޕީޓްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މާދަމާ ފޯމްތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"ފޯމްތަކުގެ ތެރޭގައި ހުރެދާނެ އެއް ބޭފުޅެއްގެ ނަން ދެ ފަހަރަކު ރިޕީޓްވެފައި، އެހެންވެ ދިރާސާ ކުރަން ފެށީމާ އިނގޭނީ ސީދާ ހުށަހަޅާފައި ވަނީ ކިތައް ބޭފުޅުން ކަމެއް،" އާމިރު ވިދާޅުވި އެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދިނުމުގައި މިއަހަރުން ފެށިގެން ބަލުމަށް ހަމަޖައްސާފައިވާ މުއްދަތަކީ، އަމިއްލަ ފަރުދެއް ނަމަ އެ ދާއިރާއެއްގައި މަދުވެގެން 35 އަހަރު ހިދުމަތްކޮށްފައިވުމެވެ. ނުވަތަ ހިތްވަރު ދިނުމުގެ އިނާމު ލިބުނުތާ 10 އަހަރުވެފައި، އެ ދާއިރާގެ ހިދުމަތުގައި އެކު ޖުމްލަ 35 އަހަރު ވެފައިވުމެވެ. ޝަރަފުވެރިކަމުގެ އިނާމަށް ކުރިމަތިލާ މުއައްސަސާއަކީ ހިތްވަރު ދިނުމުގެ އިނާމް ލިބުނުތާ 10 އަހަރުވެފައި، ހިދުމަތްދެމުންގެންދާތާ މަދުވެގެން 35 އަހަރުވެފައިވާ މުއައްސަސާއަކަށް ވާންޖެހެ އެވެ.

މީގެ ކުރިން ޝަރަފުގެ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ހިދުމަތުގައި މަދުވެގެން 25 އަހަރުވެފައިވާ އަމިއްލަ ފަރުދުންނަށާއި މުއައްސަސާތަކަށެވެ.

ހިތްވަރުދިނުމުގެ އިނާމަށް ކުރިމަތިލުމަށް މިއަހަރުން ފެށިގެން ޝަރުތުހަމަވާނީ ހިދުމަތުގައި މަދުވެގެން 10 އަހަރުވެފައިވާ އަމިއްލަ ފަރުދުންނާއި މުއައްސަސާތަކަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުރިން އެ މުއްދަތު ބަލަނީ މަދުވެގެން ފަސް އަހަރު ހިދުމަތުގައި ދެމިތިބޭ ފަރާތްތަކެވެ.

މިދިޔަ ދެ އަހަރު އިނާމް ދީފައިވަނީ 23 ދާއިރާއަކުން ނަމަވެސް، މިހާރު ވަނީ ފަސް ދާއިރާއެއް އިތުރުކޮށް، 28 ދާއިރާއަކުން އިނާމް ދޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އެގޮތުން އަލަށް އިތުރުކުރި ދާއިރާތަކަކީ ކީރިތި ގުރުއާން ކިޔެވުމާއި އުގަންނައި ދިނުމުގެ ދާއިރާ އާއި، ގާނޫނީ ދާއިރާ އާއި ވިޔާފާރި އާއި އިގުތިސާދީ ދާއިރާ އާއި ބޯޓް ބިލްޑިންގ ދާއިރާ އަދި އެޕްލައިޑް އާޓްސްގެ ދާއިރާ އެވެ. މީގެ ތެރެއިން ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާ ކުރިން ހިމެނިފައިވަނީ އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އިލްމު އުނގެނުމުގެ ދާއިރާގެ ތެރޭގައި ބަލާ ރޮނގެއްގެ ގޮތުގަ އެވެ.