30 Nov 2017, 23:35
ލަންކާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ތޫފާން، އޯޗީއާ ގުޅިގެން ސްރީލަންކާއަށް ތިން ވަނަ ފަހަރަށް ރެޑް އެލާޓް ނެރެފި އެވެ.
މޫސުމީ ގަދަ ވިއްސާރައާއެކު އިއްޔެ މެންދުރުފަހުން ފެށިގެން ލަންކާއަށް ވަނީ ރެޑް އެލާޓް ނެރެފައެވެ. އެހެންކަމުން މެދު ނުކެނޑި އެ ގައުމަަށް ރެޑް އެލާޓް ނެރެފައިވާތާ 36 ގަޑިއިރަށް ދިގު ދެމިގެން ވަނީ ގޮސްފައެވެ.
ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ތިން ވަނަ ފަހަރަށް ރެޑް އެލާޓް ނެރެފައިވާ ސިދާ ދިވެހި އެމްބަސީއަށް އަންގާފައިވާ ކަމަށެވެ.
އެސޯސިއޭޓެޑް ޕްރެސްއިން ބުނި ގޮތުގައި އޯޗީ ތޫފާނުގެ ސަބަބުން ހަތަރު މީހުން މަރުވެ 23 މީހުން ވަނީ ގެއްލިފައެވެ. ގެއްލުނު މީހުންގެ ތެރޭގައި މަސްވެރިންވެސް ގިނަ އަދަދަކަށް ހިމެނެއެވެ.
ސްރީލަންކާގެ ކަނޑުގެ ސިފައިން މިހާރު ވަނީ ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓުން ބުނި ގޮތުގައި ލަންކާގެ ވެރިރަށް ކޮލަމްބޯއަށް 150 މިލިމީޓަރަށް ވާރޭވެހޭނެކަމަށް ކަމަށް ލަފާކުރެވެ އެވެ.
ލަންކާގެ އެމްބަސީން މިއަދު ބުނިގޮތުގައި އެގައުމުގައި ދިރިއުޅޭ ދިވެހިންގެ އެކި ގޭގެޔަށް ލިބިފައިވާ ގެއްލުންތައް ހައްލުކުރުމަށާއި ސާފުކުރުމަށް ވޮލަންޓިއަރުން ގޭގެއަށް ގޮސް ވަނީ އެހީތެރިވެދީފަ އެވެ.