30 Nov 2017, 23:26
ރާއްޖެ އާއި ލަންކާ ދެމެދު އުފެދިފައިވާ އޯޗީ ތޫފާނާ ގުޅިގެން ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޅ. ހިންނަވަރުގައި 75 ޕަސެންޓު ގޭގައި ފެން ބޮޑުވެ، ތިން ގެއެއްގައި މީހުން ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވުމުން އެ ގެތަކުން މީހުން ބަދަލުކޮށްފިއެވެ.
ހިންނަވަރު ކައުންސިލްގެ ރައީސް، އބްދުﷲ އިބްރާހިމް "ސަން"އަށް މިރޭ ވިދާޅުވީ މުޅި ރަށުގައި ފެންބޮޑުވެފައިވާ ކަމަށާއި އެގޮތުން 75 ޕަސެންޓު ގޭގައި ފެންބޮޑުވެ، ދައްޗާ ކުރިމަތިވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދުގައި ކަމަށެވެ. ރަށަށް ދިމާވެފައިވާ ހާލަތާ ގުޅިގެން، ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް އަބްދުﷲ އިބްރާހިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް ތިން ގެއެއްގެ މީހުން އެހެން ގެތަކަަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރަށުގެ ހާލަތާ ގުޅިގެން ރައްޔިތުން ތިބީ ހިތާމައިގައި ކަން ފާހަގަ ކުރައްވައި އަބްދުﷲ އިބްރާހިމް ވިދާޅުވީ ރަށް އާންމު ހާލަތަކަށް ގެނައުމަށްޓަކާ މުއައްސާތައް ގުޅިގެން އުފެއްދި ޓާސްކްފޯސް މެދުވެރިކޮށް ޕަންޕު ޖަހައިގެން ފެން ހިއްކުމާއި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.