30 Nov 2017, 21:43
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ފަހުގެ ތާރީޚެއްގައި މިހާ ބޮޑަށް ވިއްސާރަކުރި ފަހަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
ސަން ޓީވީގެ ނިއުސް އަޕްޑޭޓަަށް ފޯނުން މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ ޑޮއުޓީ ފޯކާސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ރެކޯޑްތައް ދައްކާ ގޮތުން 1991 ވަނަ އަހަރު ރާއްޖޭގެ އުތުރުން ތޫފާނެއް ދަތުރު ކުރި ކަމަށެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ވެސް ރާއްޖޭގެ އުތުރުން ތޫފާނެއް ދަތުރުކުރި ކަމަށާއި އެ ދެ ތޫފާނުގެ އަސަރު ވެސް ރާއްޖެ އަށް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ހާފިޒް ވިދާޅުވީ އެއްވެސް ސައިކްލޯނެއް ސީދާ ރާއްޖެ ހުރަސްކޮށް ދަތުރު ނުކުރާ ކަމަށެވެ. ނަމަވެސް ސަރަހައްދުގައި އުފެދޭ ތޫފާންތަކާއި ކޮޅިގަނޑުތަކުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށް ވިދާޅުވި އެވެ.

ނޮވެމްބަރު 30، 2017: މާލެއަށް މޫސުން ގޯސްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މެދުރާއްޖެތެރެ އާއި އުތުރަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް މެޓުން ވަނީ ހއ. އިން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރަހައްދުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ލަފާ ކުރެ އެވެ.
މިހާރު ސްރީލަންކާ އާއި ދިމައިން އުފެދިފައިވާ ތޫފާން އޯކީ ދަނީ ރާއްޖޭގެ އުތުރުން އިންޑިއާ އާއި ދިމާއަށް ދަތުރުކުރަމުންނެވެ. އަވައްޓެރި ސްރީލަންކާ އަށް މި ތޫފާނުގެ ސަބަބުން ގެއްލުންތައް ލިބިފައިވެ އެވެ. މޫސުން ގޯސްވެ ފެންބޮޑުވުމުގެ ސަބަބުން ލަންކާއިން ވަނީ މިހާތަނަށް ހަތް މީހުން މަރުވެފަ އެވެ.
ތޫފާން މިހާރު އިންޑިއާ އާއި ދިމާއަށް ދަތުރުކުރަމުންދާ އިރު އެގައުމުން މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ތޫފާނުގެ ބާރު އަދިވެސް ގަދަވާނެ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އިންޑިއާގެ ޓެމިލް ނާޑޫ އަދި ކެރަލާ އަށް ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ލަފާކުރެ އެވެ. އަދި ލަކްޝަދީޕަށް ވެސް ތޫފާނުގެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.