ކޮންފެރޭ ސްޕޯޓްސް ކްލަބު ކޮޅަށް 16 ލަނޑު ޖަހައި ކްލަބު ގްރީން ސްޓްރީޓްސް އެފްއޭ ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު އެ މެޗު ގްރީނުން ކާމިޔާބު ކުރީ 1-16 ގެ ނަތީޖާއަކުންނެވެ. އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅޭ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ގްރީން ނުކުންނަން ޖެހޭނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ގްރީންް އިން ވަނީ ނުވަ ލަނޑު ކޮންފެރޭ ކޮޅަށް ވައްދާލައިފައެވެ. އެގޮތުން އާދަމް އިޝާމް، އަހުމަދު ހަސަން، އަހުމަދު ނިޒާމް އަދި މުހްތާރު ނަސީރު (ޓޫކިލޯ) ވަނީ ކޮންމެ ކުޅުންތެރިޔަކު ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފައެވެ. ފުރަތަމަ ހާފުގެ ފަހު ލަނޑު ގްރީނަށް ޖަހައިދިނީ މުހައްމަދު ނަޒާމެވެ.

ދެ ވަނަ ހާފުގައި އިޝާމް ވަނީ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން އަހުމަދު ހަސަން އާއި ނިޒާމްގެ އިތުރުން ޓޫކިލޯ ވެސް ވަނީ ކޮންމެ ކުޅުންތެރިޔަކު އިތުރު ލަނޑެއް ޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ގްރީންގެ ބަކީ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޝަފްރާޒާއި އަބްދުﷲ ޔާމީނެވެ. ޔާމީން ވަނީ ދެ ލަނޑު ޖަހައިފައެވެ. ކޮންފެރޭގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނާޖިހު އިބްރާހީމެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލު ކުރާނީ މާޒިޔާ އާއި ޓީސީ އެވެ. ދެވަނަ ސެމީގައި އާދީއްތަ ދުވަހު ގްރީން ނުކުންނާނީ ނިއު އާ ދެކޮޅަށެވެ.