30 Nov 2017, 18:50
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ 16 ހާދިސާއެއް ހިނގާފައިވާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
ސަން ޓީވީގެ ނިއުސް އަޕްޑޭޓްގައި މިއަދު ހަވީރު ވާހަކަ ދައްކަވަމުން ކޯސްޓްގާޑުގެ ކޮމާންޑަރު ކެޕްޓަން މުހައްމަދު އިބްރާހިމް (އެމްއައި) ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ 16 ހާދިސާ ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ ހާދިސާއަކީ ދޯނި އަޑިއަށް ދިއުމުގެ ހާދިސާ ކަމަށް ކެޕްޓަން އެމްއައި ވިދާޅުވިއެވެ.
އެގޮތުން ރީތިރަށް ކައިރި ރިސޯޓު ކައިރިއަށް ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށާއި، އެ ދޯނީގައި ތިބި މީހުންނަށް އެ ރިސޯޓުން އެހީ ފޯރުކޮށްދީފައިވާ ކަމަށް އެމްއައި ވިދާޅުވިއެވެ. މީގެ އިތުރުން މާލެ އަތޮޅު ގިރިފުށީގެ އުތުރުން ތަނބުރުދޫ އާއި ދިމާލުންވެސް ދޯންޏެއް އަޑިއަށް ގޮސްފައިވާ ކަމަށާއި އެ ދޯނި މިހާރު އޮޔާ ދަމުންދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށް ކެޕްޓަން އެމްއައި ވިދާޅުވިއެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރާ މެދުރާއްޖެތެރޭގެ ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރެވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ވިލާ ގަނޑުގައި 55 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށްފައިވާތީ އުސް އިމާރާތްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އިމާރާތުގެ ކުޑަދޮރުތައް ރަނގަޅަށް ބަންދުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާ، ދަތުރަށް ފުރުމުގެ ކުރިން އެމްއެންޑީއެފް އަދި ޑިޒާސްޓާމެނޭޖްމެންޓް ސެންޓަރާ މައުލޫމާތު ހިއްސާ ކުރުމަށްފަހު ނޫނީ ނުފުރުމަށް އެ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.
މިހާރު ކުރާ ވިއްސާރަ ހޮނިހިރު ދުވަހާއި ހަމައަށް ދެމިއޮންނާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާ ކުރެއެވެ.