30 Nov 2017, 18:53
މިހާރު ސްރީލަންކާ އާއި ދިމާލުން އުފެދިފައިވާ ތޫފާނު އޯކި އަސަރު އިންޑިއާގެ ޓެމިލް ނާޑޫ އަދި ކެރެލާ އަށް ކުރާނެ ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ.
ކެރެލާ ސަރަހައްދަކީ ދިވެހިން ވެސް ދިރިއުޅޭ ސަރަހައްދަކަށް ވާއިރު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭ ތޫފާނުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ލަފާކޮށްފައިވާތީ އެ ސަރަހައްދުގައި ދިރިއުޅޭ ދިވެހިން މޫސުމަށް ސަމާލުވުމަށް ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓުން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮންސިއުލޭޓުން ކޮށްފައިވަ ޓްވީޓެއްގައި ބުނެފައިވަނީ ޓްރެވިންޑްރަމް އަދި ކެރަލާގައި ދިރިއުޅޭ ދިވެހިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެމަޖެންސީ ހާލަތެއް ދިމާވެއްޖެނަމަ ކޮންސިއުލޭޓްގެ ހޮޓްލައިން 9847702554 އަށް ގުޅުމަށްވެސް ކޮންސިއުލޭތުން އިލްތިމާސް ކުރެއެވެ.
ސައިކްލޯން ގޯޚީގެ އަސަރު ރެއިން ފެށިގެން ސްރީލަންކާ އަށް ދަނީ ކުރަމުންނެވެ. އެގައުމުގެ ހަތް މީހަކު ތޫފާނުގެ ސަބަބުން މިހާތަނަށް މަރުވެފައިވާއިރު، ފެންބޮޑުވުމުގެ ސަބަބުންނާއި ވައިގަދަވުމުގެ ސަބަބުން ރައްޔިތުންނަށް އެހީވުމަށް އެގައުމުގެ އަސްކަރިއްޔާ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ވިއްސާރައިގެ އަސަރު ރާއްޖެއާ ހަމައަށް ވެސް ވަނީ ފޯރައިފައެވެ. މިހާރުވެސް ރާއްޖޭގައި ވެސް މޫސުމާ ގުޅިގެން ތަފާތު ހާދިސާތައް ހިނގަމުންދާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ، ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
ތޫފާން އޯކިގެ ނަމުން ނަންދީފައިވާ މި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ އިންޑިއާގެ އުތުރުން އަރަބި ކަނޑާ ދިމާއަށެވެ.