30 Nov 2017, 17:41
އަވައްޓެރި ސްރީ ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެގައުމުގެ ކަނޑުގެ ސިފައިންނާއި، ކަނޑުގެ ސިފައިންގެ އިތުރުން ވައިގެ ސިފައިންވެސް ނެރުމަށް ރައީސް މައިތްރިޕާލަ ސިރިސޭނާ އަމުރުކުރައްވައިފިއެވެ.
ލަންކާގެ ރައީސް އޮފީހާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ ޑެއިލީ މިރާއިން ބުނީ، މިހާރު ދެކުނު ކޮރެއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ސިރިސޭނާ މިއަދު ވަނީ، ވިއްސާރައާ ގުޅިގެން ހާލުގައި ޖެހިފައިވާ، އަދި އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް ވީ އެންމެ އަވަހަކަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓަރާއި ޕްރިޒިޑެންޝަލް ސެކްރެޓަރީއަށް އިރުޝާދު ދެއްވައިފައެވެ.
"އެމަނިކުފާނު ވަނީ، މިހާރު ކުރަމުން މިދާ ވިއްސާރައިގައި ގެއްލިފައިވާ މަސްވެރީން ހޯދުމަށް ސާރޗް އޮޕަރޭޝަނެއް ފެށުމަށް އިރުޝާދު ދެއްވާފައި. ހަމައެއާއެކު ސަރުކާރުން މިހާރު ނިންމާފައި ވަނީ، ހާލުފައި ޖެހިފައިވާ އާއިލާތަކަށް އެލަވަންސެއްގެ ގޮތުގައި 10،000 ރުޕީސް ދިނުމަށް،" ލަންކާގެ ރައީސް އޮފީހުން ނެރެފައިވާބަޔާނެއްގައިވެއެވެ.
މީގެ އިތުރުން ލަންކާގެ ރައީސް އޮފީހުން ބުނެފައި ވަނީ، ލަންކާއަށް މިހާރު ދިމާވެފައިވާ ކާރިސާއާ ގުޅިގެން ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހެއާއި ވެރިކަން ކުރާ ޕާޓީގެ އެހެނިހެން ލީޑަރުން ކުއްލި ބައްދަލުވުމެއް ބޭއްމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ލަންކާއަށް މޫސުން ގޯސްވެ މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަް ހަތަރު މީހުން މަރުވެފައި ވާއިރު، 23 މީހަކު ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި ހަތަރު ބޯޓަކުން މަހަށް ގޮސްފައިވާ 13 މީހަކު ހިމެނެއެވެ.
މިފަހަކަށް އައިސް ލަންކާއަަށް ގުދުރަތީ ގިނަ ކާރިސާތަކަކާ ކުރިމަތިވާކަން ފާހަގަކުރެވެއެވެ. އެގޮތުން މި އަހަރުގެ މޭމަހުގެ ތެރޭގައި ވެސް ވަނީ، އެގައުމަށް ވެހުނު މޫސުމީ ވާރޭގައި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 200އަށް ވުރެ ގިނަ މީހުން މަރުވެފައެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައިގެ އަސަރު ރާއްޖެއާ ހަމައަށް ވެސް ވަނީ ފޯރައިފައެވެ. އަދި މިހާރުވެސް ރާއްޖޭގައި ވެސް މޫސުމާ ގުޅިގެން ތަފާތު ހާދިސާތައް ހިނގަމުންދާތީ، ކަމާބެހޭ ފަރާތްތަކުން ވަނީ، ދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.