30 Nov 2017, 15:16
ސްރީލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
ޕީއެސްއެމްގެ ހަބަރުގަޑީގައި ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ ޑިރެކްޓަރު ވިދާޅުވީ ސްރީލަންކާގެ މަތިން އުފެދިފައިވާ ކޮޅިގަނޑު ޓްރޮޕިކަލް ސައިކްލޯނަކަށް ބަދަލުވެފައިވާ ކަމަށެވެ.
އަދި މި ތޫފާނުގެ ބާރު ގަދަވަމުންދާ ކަމަށާއި ނަމަވެސް ތޫފާނުގެ ވިލާތައް ރާއްޖެއާ ދުރަށް އިންޑިއާގެ އުތުރަށް ދަތުރުކުރަމުންދާ ކަމަށް މެޓުން ބުނެ އެވެ. ތޫފާނުގެ މިސްރާބު ހުރީ އަރަބި ކަނޑާ ދިމާއަށް ކަމަށާއި ކޮޅިގަނޑުގެ ބާރުގަދަވަމުން ދާތީ ރާއްޖޭގެ ސަރަހައްދަށް ކޮޅިގަނޑުގެ ވިލާތައް އަރާނެ ކަމަށް މެޓުން ބުންޏެވެ.
މެޓުން ލަފާކުރާގޮތުން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ އެވެ. ހާއްސަކޮށް އުތުރުގެ އަތޮޅުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އެ ސަރަހައްދުގެ އަތޮޅުތަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އަދި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެ އެވެ.
ކޮޅިގަނޑުގެ އަސަރު އަވައްޓެރި ލަންކާއަށް ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ. ވިއްސާރައިގެ ސަބަބުން އެގައުމުގެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. ވިއްސާރައާ ގުޅިގެން ލިބޭ ގެއްލުމުގެ ބަދަލުދޭން ލަންކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.