ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯ އިން ރޯދައަށް ހާއްސަ ކޮށްގެންގެނައި ފިޔާގެ ދެ ޕަސެންޓް ކުނިވެ އުކާލަން ޖެހިއްޖެ އެވެ.

އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް މިއަދު ވިދާޅުވީ ފިޔާ ފަދަ ތަކެއްޗަކީ ފަސޭހައިން ހަލާކުވާ ތަކެތި ކަމަށާއި ގުދަންކޮށްފައި ހުންނަ ގޮތުން މިފަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެންގެނައި ފިޔާގެ ދެ ޝިޕްމަންޓްތެރެއިން ދެ ޕަސެންޓެއް ހަލާކުވެ އުކާލަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެއީ މިދިޔަ އަހަރުތަކާ އަޅާ ބަލާއިރު ވަރަށް މަދު އަދަދެއް ކަމަށެވެ.

"ޕެރިޝެބުލް އެއްޗެއް ވީމައި ރަނުން ރަނަށް ގެންނަން ވަރަށް އުނދަގޫވޭ. އެހެންވީމާ އަޅުގަނޑުމެން އަތުން ވެސް ވަރަށް މަދުން މިފަހަރު ވެސް ފިޔާ ހަލާކުވެ އުކާލަންޖެހުނު. އެއީ ގާތްގަނޑަކަށް ދެ ޕަސެންޓެއްވަރު. ނަމަވެސް ބޮޑުބައި ރަނގަޅު،" އާޒިމް ވިދާޅުވި އެވެ.

މަންޒަރު ދުށް ބައެއް މީހުން ވެސް ބުނީ ރޭޔާއި އަދި މިއަދު ވެސް ދެ ލޮރީއެއްގެ ފިޔާ އެސްޓީއޯ އިން ކުނިގޮނޑަށް އުކާލި ކަމަށެވެ.

އެސްޓީއޯ އިން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ފިޔާ، އަލުވި އަދި ބިހުގެ ތިން ޝިޕްމަންޓެއް ރާއްޖެ ގެނެސްފަ އެވެ. އެ ތިން ބާވަތުގެ އެންމެ ފަހު ޝިޕްމަންޓް މިރޭ މާލެ ވަންނާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އާޒިމް ވިދާޅުވީ ފިޔާ ޝިޕްމަންޓުގެ 90 ވަރަކަށް ޕަސެންޓް ހުރީ ރަނގަޅަށް ކަމަށް ވުމުން އެސްޓީއޯގެ ފިޔާގެ ވިޔަފާރި މިފަހަރު އެހެން އަހަރުތަކާ އަޅާ ބަލާއިރު ރަނގަޅުކަމަށެވެ.

"މިފަހަރުގެ ޝިޕްމަންޓް ރަނގަޅަށް ހުރީމާ އެ ވިޔަފާރި ރަނގަޅަށް ދަނީ. އެހެން އަހަރުތަކާ އަޅާ ބަލާއިރު ވަރަށް ރަނގަޅަށް މިދަނީ،" އާޒިމް ވިދާޅުވި އެވެ.