ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުގެ އަތޮޅުތަކަށް 55 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ސްރީލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ އިރު އޭގެ އަސަރު ކޮންމެވެސް ވަރަކަށް ރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މިހާތަނަށް ކަނޑުމަތީގެ ނުރައްކާތެރި 14 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 ހާދިސާއެއް ހިގިތަނަކަށް ކޯސްޓް ގާޑުން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މޫސުން ގޯސް ވާނޭ ކަމަށް ލަފާކުރެވިފައިވާތީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ބައެއް ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުން

  • އުޅަދަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް މުދާ އަދި މީހުން ނޭރުން
  • ދަތުރު ކުރާ އިރު މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ހަމަކޮށްގެން ދަތުރު ކުރުން
  • އުޅަދު ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ދަތުރު ނުކުރުން
  • ދަތުރު ކުރާ އިރު މޫސުމީ އިދާރާއިން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިއްސާކުރާ މައުލޫމާތުތަކަށް ބަލައިގެން ދަތުރުކުރުން.
  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. އެގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭ ނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން