ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޕީއޯއެސް އާއި އޭޓީއެމްގެ ހިދުމަތް ކެނޑިއްޖެ އެވެ.

ބީއެމްއެލް އިން މިއަދު މެންދުރު ކުރި ޓުވީޓެއްގައި ބުނީ ޕީއޯއެސްއާއި އޭޓީއެމްގެ ހިދުމަތް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެ މައްސަލަ މިހާރު ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އަދި ހިދުމަތް ބޭނުންކުރައްވާ ފަރާތްތަކުގެ ކިބައިން ނިހާޔަތަށް އެކަމަށް މާފަށް އެދޭކަމަށެވެ.

ނަވާރަ ސަތޭކަ އަށްޑިހަ ދެވަނަ އަހަރު އުފެއްދި ބީއެމްއެލް އިން ދަނީ ހިދުމަތް ދިނުމުގައި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުން ކުރަމުންނެވެ. އެގޮތުން، މިހާރު އެ ބޭންކުންދޭ ޚިދުމަތްތަކުގެ ތެރޭން، ކޮންމެ 10 މުއާމަލާތެއްގެ ތެރެއިން ނުވަ މުއާމަލާތް ހިނގަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިންގް މެދުވެރިކޮށެވެ.

ބީއެމްއެލް އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި އިންޓަނެޓް ބޭންކިން، މޯބައިލް ބޭންކިން، އޭޓީއެމް ޚިދުމަތް، ޕީއޯއެސް ޚިދުމަތް އަދި ޕޭމަންޓް ގޭޓްވޭ ފަދަ ޚިދުމަތްތައް ހިމެނެެ އެވެ. ކޭޝްކާޑުގެ ޚިދުމަތަށް ބަލާ އިރު ވެސް، ދުނިޔޭގެ އެންމެ މަގުބޫލު ބްރޭންޑްތައް ކަމަށްވާ، އެމެކްސް، ވިސާ، އަދި މާސްޓާ ކާޑް ފަދަ މަގުބޫލު ޚިދުމަތްތައް ވެސް ބީއެމްއެލް އިން ފޯރުކޮށްދެ އެވެ.