30 Nov 2017, 14:39
މޭލެ އިން ފުރައިގެން ކ. އަތޮޅު ތާޖް ކޯރަލް ރީފް ރިސޯޓަށް މުދާ ބަރުކޮށްގެން ދިޔަ ދޯންޏެއް އަޑިއަށް ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ 'ޒޯރޯ' ނަމަކަށް ކިޔާ އެ ދޯނި އަޑިއަށް ދިޔަ ކަމުގެ ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 10:10 ގައި ކަމަށާއި ދޯނި އަޑިއަށް ދިޔަ އިރު ދިއްވެސަކާ ދެ ބިދޭސީ އަކު ދޯނީގައި ހުރި ކަމަށެވެ.
އެ ތިން މީހުން ވެސް ވަނީ ދޯނި އަޑިއަށްދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ތާޖް ކޯރަލް ރީފްގެ ލޯންޗެއްގައި އެ ރިސޯޓައް ގެންގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި އެ ދޯނި އަޑިއަށް ދިޔައީ މޫސުން ގޯސްވުމުގެ ސަބަބުން ތާޖް ކޯރަލް ރިސޯޓް ކައިރީގައި އޮންނަ ދޮންވެލިގަނޑަކަށް ބީހުމުގެ ސަބަބުންނެވެ. އަދި މޫސުން އޮތް ގޮތުން ދޯންޏާއި މުދާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.