30 Nov 2017, 15:03
ކުރިއަށް އޮތް 2018 ވަނަ އަހަރު ރެއާލް މެޑްރިޑަށް ކޮންމެހެންވެސް ގެންނަން ބޭނުންވާ ކުޅުންތެރީންގެ ލިސްޓް އެ ޓީމުގެ ޕޯޗްގީޒް ތަރި ކުްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ކްލަބުގެ މެނޭޖްމަންޓާ ހަވާލުކޮށްފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ސީޒަންގެ ލަ ލީގާގެ ނަތީޖާތަކަށް ބަލާއިރު، ރެއާލަށް ވުރެ އަށް ޕޮއިންޓު އިތުރަށް ހޯދައިގެން މިވަގުތު ތާވަލުގެ ކުރީގައި ރަސްކަން ކުރަމުން ދަނީ ވާދަވެރި ބާސެލޯނާ އެވެ.
ޗެމްޕިއަންސް ލީގުގުގައި ރެއާލުން ރަނގަޅު ކުޅުމެއް ދައްކަމުން ދާއިރު، ރޮނާލްޑޯ ވަނީ އެ މުބާރާތުގައި އެނާ ކުޅުނު ފަސްމެޗުން އަށް ލަނޑު ކާމިޔާބުކޮށްފަ އެވެ. އެހެން ނަމަވެސް، ލަލީގާގައި ރޮނާލްޑޯ ނުވަ މެޗު ކުޅެފައިވާ އިރު، އޭނާއަށް ލީގުގައި ޖެހިފައި ވަނީ އެންމެ ދެ ލަނޑެވެ.
ރޮނާލްޑޯ ވަނީ، އެންމެ ފަހުން ނިމި ދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރެއާލުން އެ ޓީމުގެ މުހިންމު ކުޅުންތެރީންތަކެއް ކަމަށްވާ ޕެޕޭ، އަލްވާރޯ މޮރާޓާ އަދި ހަމޭސް ރޮޑްރިގޭޒް ކްލަބުން ދޫކޮށްފައިވާތީ އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. އަދި ރަނގަޅު ނަތީޖާތަކެއް ނެރެން ބޭނުން ނަމަ ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ޓްރާންސްފާގައި ވެސް ރެއާލަށް މުހިންމު ކުޅުންތެރީންތަކެއް ގެންނަން ޖެހޭކަމަށް ޕޯޗްގީޒް ގެޕްޓަން ބުންޏެވެ.
އުމުރުން 32 އަހަރުގެ ފޯވާޑް ބުނީ، ރެއާލަށް ގެނައުމަށް މިވަގުތު އޭނާއަށް ފެންނަ އެންމެ މުހިއްމު ތިން ކުޅުންތެރީންނަކީ، ޕޯޗްގީޒްގެ އަރަމުން އަންނަ ޒުވާން ތަރި، ގޮންޝާލޯ ގުއަޑޭސް އާއި ޕީއެސްޖީގެ ޑިފެންޑަރު މަކޫނިއޯ އާއި އަދި އެތުލެޓިކް ބިލްބާއޯގެ ގޯލް ކީޕަރު ކެޕާ ކަށެވެ.
ސްޕެނިޝްލީގުގެ ތާވަލްގައި ރެއާލް މެޑަރިޑް މިވަގުތު އޮތީ ކުޅުނު 13 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ.