މޫސުން ގޯސްވުމުގެ ސަބަބުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފިއެވެ.

ގައުމީ މޫސުމާ ބެހޭ އިދާރާއިން ވަނީ މިއަދު ހެނދުނު، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފައެވެ. އަދި ގަދަ ވަޔާއެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ކޮޅިގަނޑުގައި 55 މޭލަށް ވައި ގަދަ ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ކަނޑުމަތީގެ ނުރައްކާތެރި 14 ހާދިސާއެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އޭގެތެރެއިން 11 ހާދިސާއެއް ހިގިތަނަކަށް ކޯސްޓް ގާޑުން ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

"މިވަގުތު ވެސް ކޯސްޓް ގާޑުގެ ހަތަރު އުޅަދު މާލެ ކައިރީގައި ހަރަކާތްތެރިވަމުން އެބަ ދޭ. އަދި ހަމައެއާއެކު ބޭރު ކަނޑުގައި ވެސް ކޯސްޓް ގާޑްގެ ދެ އުޅަނދު ހަރާކަތެރިވަމުން އެބަދޭ،" ކޯސްޓް ގާޑުގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.

މޫސުން ގޯސް ވާނޭކަމަށް ލަފާކުރެވިފައިވާތީ ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް ސެންޓަރުން ވަނީ ބައެއް ކަންކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

  • ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުން

  • އުޅަދަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރަށް މުދާ އަދި މީހުން ނޭރުން
  • ދަތުރު ކުރާ އިރު މުވާސަލާތީ ހުރިހާ ވަސީލަތްތަކެއް ހަމަކޮށްގެން ދަތުރު ކުރުން
  • އުޅަދު ސަލާމަތީ ކަންކަން ކަށަވަރު ނުކޮށް ދަތުރު ނުކުރުން
  • ދަތުރު ކުރާ އިރު މޫސުމީ އިދާރާއިން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް އަދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހިއްސާކުރާ މައުލޫމާތުތަކަށް ބަލައިގެން ދަތުރުކުރުން.
  • ގެއަށް ފެން ނުވަންނާނެ ހެން ރައްކާތެރި ފިޔަވަޅު އެޅުން. އެގޮތުން ގޭގެ ކުރިމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން
  • ގޭގެ ތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިޔާލާ ވާ ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން