ރާއްޖޭގައި ހިންގާ ބައެއް ރިސޯޓުތަކާއި ހޮޓާތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ދައްކާފައިނުވާ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް އަދާލަތު ޕާޓީން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ(އާ ބައްދަލުކޮށްފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ، މީރާގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކުގެ ތެރެއިން 11 ތަނަކުން ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ 15,889,572.81 ޑޮލަރު މިހާތަނަށް ދައުލަތަށް ދައްކާފައި ނުވާ ކަމަށެވެ.

ގާނޫނާއި ގަވާއިދުގެ ދަށުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައުލަތަށް ދެއްކުމަކީ ހުރިހާ ފަރުދުންނާއި އެހެނިހެން ޤާނޫނީ ޝަހްސުތަކުގެ މައްޗަށް ލާޒިމުކަމެއް ކަން އެޕާޓީން ހަނދާންކޮށްދީފައިވެ އެވެ. އަދި ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން އެ ފައިސާ ދައްކާފައި ނުވާތީ އެކަން ކުށްވެރިކޮށްފައިވެ އެވެ.

"މި ފައިސާ ހޯދުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި މީރާގެ ޤާނޫނީ ޒިންމާއެއްކަމުގައި މި ޕާޓީން ދެކެމެވެ. އެކިއެކި ފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯއްދެވުމަށް ޓަކައި މީރާ އިން ދަނީ މުސްތަގިއްލު މުއައްސަސާއެއްގެ ހައިސިއްޔަތުން ހަރުދަނާ މަޥްޤިފެއް ނަންގަވައި ބޮޑެތި މަސައްކަތް ތަކެއް ކުރަމުންކަން ފާހަގަކުރަމެވެ،" އަދާލަތުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މީރާ އިން ވަނީ ރިސޯޓުތަކުން ލިބެން ޖެހޭ ފައިސާ ދައުލަތަށް ހޯދުމުގައި މީރާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތެރޭގައި ހިމެނޭ ނުވަ ތަނެއްގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައި، އޭގެ ތެރެއިން އެއްތަނުގެ މައްސަލަ ޝަރީއަތުން ނިމިފައިވާކަން އެޕާޓީން ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، މިކަމުގައި އަމަލުކޮށްފައި ވަނީ "ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް" ކަމަށް އަދާލަތުން ބުނެ އެވެ.

އެގޮތުން 12 ޖުލައި 2011 ގައި އޮތް ވަޒީރުންގެ މަޖުލީހުގެ ޖަލްސާގައި ކުއްޔާއި ޖޫރިމަނާ ނުދައްކާ ހުރި ރިސޯޓުތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ 25 ޕަސަންޓް އެމަހުގެ 20ގެ ކުރިން ދެއްކުމަށް އެންގައި، އެގޮތަށް ކަންތައް ނުކުރާ ފަރާތްތަކުގެ ހުއްދަ ބާތިލުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން އެ ނިންމުން ތަންފީޒުނުކޮށް ރިސޯޓްތަކަށް ލުއި ދިން މައްސަލަ އަދާލަތުން ފާހަގަކުރެ އެވެ.

"މިފަދަ މުހިންމު މައްސަލައެއްގައި ކެބިނެޓުގެ ނިންމުން ތަންފީޒު ކުރުމުގެ ބަދަލުގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވި ފަރާތްތަކަށް ލުއި ދިނުމަށް ޓޫރިޒަމް މިނިސްޓްރީއިން ނިންމެވުމުން ރައްޔިތުންނަށް ހާމަވެގެންދަނީ މިސަރުކާރަކީ ފިނޑި، އާއްމު ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ފަސްޖެހޭ ސަރުކާރެއް ކަމެވެ. މީހުންގެ މޫނަށް ނުބަލައި ހަމަހަމަގޮތެއްގައި ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރާ ސަރުކާރެއް ނޫންކަމެވެ. ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު އެތައް ގުނައެއް ބޮޑުވެ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެއްގައި ހުރިހާ ރައްޔިތުންގެ މަސްލަޙަތުގެ ކުރިޔަށް ހައެއްކަ މީހުންގެ މަސްލަޙަތު ސަރުކާރުން އިސްކުރުމުން ސަރުކާރުގެ އިހްލާސްތެރިކަމެއް ނެތްކަން ހާމަވެގެންދެއެވެ." އަދާލަތުގެ ބަޔާނުގައި ބުނެ އެވެ.