ކޮލަމްބޯ (30 ނޮވެމްބަރު): ސްރީލަންކާ ކައިރިއަށް މިހާރު އަރައިގެން އުޅޭ ކޮޅިގަނޑުގައި އާދަޔާ ޚިލާފަށް ވައިގަދަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހަތަރު މީހުން މަރުވެ 23 މަސްވެރިން ގެއްލިއްޖެއެވެ.

ލަންކާގެ ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ބުނިގޮތުގައި މިއަދު 150 މިލިިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވެއެވެ. އަދި ކޮލަމްބޯގެ އައްސާރިފަށުން 200 ކިލޯމީޓަރު ސަރަހައްދަށް 150 މިލިމީޓަރަށް ވުރެ ގިނައިން ވާރޭވެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.

ގެއްލިފައިވަނީ ހަތަރު ބޯޓެއްގައި ހަަރަކާތްތެރިވި މަސްވެރިންކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުންނެވެ.

މިހާރު އުފެދިގެން އުޅޭ ކޮޅިގަނޑު، މަދު ގަޑިއިރެއްތެރޭ ތޫފާނަކަށް ބަދަލުވެ ކޮލަމްބޯގެ ހުޅަނގުއުުތުރު ސަރަހައްދަށް އަރައިފާނެ ކަމުގެ އިންޒާރު ލަންކާގެ މެޓްއޮފީހުން ވަނީ ދީފައެވެ.

ލަންކާގެ މެޓްއޮފީހުން ބުނިގޮތުގައި އެގައުމުގެ ހުޅަނގާއި ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދަށް ވަރަށް ގަދައަށް ވައިޖެހި ބޯކޮށް ވިއްސާރަކުރާނެއެވެ. ކަނޑުދަތުރުކުރާ އުޅަނދުތައް އެކަމަށް ސަމާލުވުމަށް އެ ގައުމުގެ މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގެ އިރިގޭޝަން ޑިޕާޓްމެންޓުން ބުނީ އެގައުމުގެ ނިލްވަލާ އަދި ގިން ކޯރު ބަންޑުން ވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސަމާލުވެތިބުމަށް ވެސް އެ ޑިޕާޓްމަންޓުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާއަށް މިދިޔަ މޭ މަހު ކުރި ގަދަ ވިއްސާރައިގައިވެސް ވަނީ ފެންބޮޑުވެ ކިސަޑުފޭބުމުގެ ސަބަބުން 200 މީހުން މަރުވެފައެވެ.

(ފޮކްސްނިއުސް)