މެލޭޝިއާގެ ކުއަލަ ލަމްޕޫރުގެ ޝޮޕިން ޕްލާޒާއެއްގެ މަތީ ފަންގިފިލާއެއްގައި ތިބީ މިޔަންމާގެ ރޮހިންގާ ދަރިކޮޅަށް ނިސްބަތްވާ އަންހެނުން އަދި ކުޑަކުދިންނެވެ.

އެ އަންހެނުންގެ ވާހަކަ ތަކާއި ކުޑަކުދިންގެ އަޑުން އެ ސަރަހައްދަށް އިތުރު ރޫހެއް ގެނެސްދޭ ކަހަލައެވެ. އެ މީހުންނަށް އުފާވެރި ހިނިތުންވުމެއް ގެނެސްދިނުމަށް މަސައްކަތް ކުރަނީ އުމުރުން 24 އަހަރުގެ ޝަރީފާ ހުސައިންއެވެ.

މެލޭޝިއާގައި ތިބި ރޮހިންގާ ދަރިކޮޅުގެ މީހުންނަށް، އެގައުމުގައި އެއްވެސް ވަޒީފާއެއް އަދާކުރުމުގެ ފުރުސަތެއް އަދި ކުދިންނަށް ކިޔަވައިދިނުމުގެ ފުރުސަތެއްވެސް ނެތެވެ.

ޝަރީފާ އަކީވެސް ރޮހިންގާ ދަރިކޮޅަށް ނިސްބަތްވާ މީހެކެވެ. ޝަރީފާގެ އުމުރުން އެންމެ ފަސް އަހަރުގައި އޭނާގެ ބައްޕަ ފިލައިގެން މެލޭޝިއާ އަށް ދިޔައީ އެވެ. ނަމަވެސް ޝަރީފާ އާއި އޭނާގެ މަންމަގެ އިތުުރުން އޭނާގެ ހަނގަށް ތިބި ދެ ކުދިން މަންމަ އާއެކު މިޔަންމާގައި ތިބީއެވެ.

ރާކިން ސްޓޭޓުގެ މުސްލިމުންނަށް މިޔަންމާ ސިފައިންގެ ދުއްތުރާ މީގެ 20 އަހަރު ކުރިންވެސް ކުރިމަތިވެއެވެ. އެހެންކަމުން ޝަރީފާގެ މަންމަ ދަރިންނާއެކު އެހެން ސަރަހައްދަކަށް ހިޖުރަ ކުރިއެވެ.

ޝަރީފާ --- ފޮޓޯ :އަލްޖަޒީރާ

އެއްވެސް ކަހަލަ ލިޔެކިޔުމެއް ނެތި ދަތުރު ކުރަން އުޅުމުގެ ތެރޭ ޝަރީފާގެ މަންމަ ހައްޔަރު ކުރިއެވެ. ދެން ކޮއްކޮމެންގެ ކަންތަކާ ހަވާލުވީ ޝަރީފާއެވެ. އެއީ މީގެ 20 އަހަރު ކުރި ކަމަށް ޝަރީފާ ބުންޏެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މެލޭޝިއާގައި ހުރި ބައްޕަ އާއި ވާހަކަ ދައްކައި، ޝަރީފާ އާއި އޭނާގެ ކޮއްކޮމެން މެލޭޝިއާ އަށް ގެންދިއުމަށް ބައްޕަ އެއްބަސް ކުރުވިއެވެ. އެއްވެސް ކަހަލަ ގާނޫނީ ލިޔުމެއް ނެތި ޝަރީފާ އާއި އޭނާގެ ކޮއްކޮމެން މެލޭޝިއާ އަށް ދިޔައީ އިންސާނީ ވަގުފާރި ކުރާ ބަޔަކާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

މެލޭޝިއާގައި މިހާރުވެސް 16000 އަށް ވުރެ ގިނަ މިޔަންމާގެ ރެފިއުޖީން ރެޖިސްޓާކޮށްފައިވާ ކަމަށް އދ ގެ ރެފިއުޖީންނާ ބެހޭ ޖަމްއިއްޔާ އިން ހާމަކުރެއެވެ.

މެލޭޝިއާގައި 20 އަހަރު އުޅުނު ނަމަވެސް ޝަރީފާ އަށް ރަސްމީ ތައުލީމެއް ހާސިލުު ކުރުމުގެ ފުރުސަތެއް ނުލިބެއެވެ. އޭނާ ތައުލީމު ހާސިލު ކުރީ ދިރިއުޅުނު ގެއިންނެވެ. ނަމަވެސް މިއަދު ޝަރީފާ މަސައްކަތް ކުރަނީ އޭނާގެ ގައުމުގެ މީހުންގެ ތެރެއިން ވަންނާނެ އަމިއްލަ ގެދޮރެއްނެތް މީހުންގެ މޫނުމައްޗަށް ހަމަޖެހުން ގެނެސްދިނުމަށެވެ. އެމީހުންނަށާއި އެމީހުންގެ ދަރިންނަށް އުނގަންނައިދީގެންނެވެ.

ޝޮޕިން ކޮމްޕްލެކްސްގެ މަތީގައި ހުންނަ "ކްލާސް ރޫމަށް" މިޔަންމާގެ އަންހެނުން ދަނީ އުފަލުންނެވެ. އެމީހުން އެތަނަށް ފޮނުވުމަށް އެމީހުންގެ ފިރިން ނުހަނު ރުހެއެވެ. އެމީހުން ޝަރީފާއަށް ޝުކުރުވެރިވެއެވެ.

"ރޮހިންގާ ވިމެން ޑިވެލޮޕްމެންޓް ނެޓްވޯކް"ގެ ނަމުގައި ޝަރީފާ ވަނީ މިދިޔަ އަހަރުން ފެށިގެން ޖަމްއިއްޔާއެއް ހިންގަން ފަށައިފައެވެ. އިނގިރޭސި އުނގަންނައިދީ، ލިޑާޝިޕް ޓްރެއިނިން ފަދަ ތަމްރީނުތައް ރޮހިންގާ ދަރިކޮޅުގެ އަންހެނުންނަށް އޭނާ ފޯރުކޮށްދެއެވެ.

މީގެ އިތުރުން ރޮހިންގާ ދަރިކޮޅުގެ މީހުންނާ ދޭތެރޭ "ދެކޭގޮތް" ބަދަލުކުރުމަށްވެސް ޝަރީފާ ވަނީ ކެންޕެއިނެއް ފަށައިފައެވެ. އޭނާ އަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އދ ގެ ރެފިއުޖީންނާ ބެހޭ ޖަމްއިއްޔާގެ ފަރާތުންނެވެ.

(އަލްޖަޒީރާ)