30 Nov 2017, 11:40
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް އާސެނަލް އާއި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އާސެނަލް ވަނީ 5-0 ލަނޑުގެ ނަތީޖާ އަކުން ހަޑާސްފީލްޑް ޓައުން އަތުން މޮޅުވެފަ އެވެ.
މޮޅު ކުޅުމެއް ދައްކަމުންދިޔަ އާސެނަލުން ވަނީ މެޗުގެ ކުރީކޮޅު ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. މެޗުގެ ތިން ވަނަ މިނެޓުގައި އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސެންޑާ ލަކަޒެޓް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން އާސެނަލް ކުރީގައި އޮވެގެންނެވެ.
މެޗުގެ 68 ވަނަ މިނެޓުގައި އާސެނަލަށް އޮލިވާ ޖިރޫ ލީޑު ފުޅާކޮށްދިން އިރު، އޭގެ މިނެޓެއް ފަހުން އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެލެކްސިސް ސަންޗޭޒް އެވެ. މެޗުގެ 72 ވަނަ މިނެޓުގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފީލްޑަރު މެސުޓް އޮޒިލް އެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އާސެނަލްގެ ފަސް ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެ ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޖިރޫ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ސްވަންސީ ސިޓީ އަތުން ޗެލްސީ މޮޅުވެފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގައި ޗެލްސީން ކާމިޔާބުކުރި ލަނޑު ފެނިގެންދިޔައީ ދެ ވަނަ ހާފު ފެށިތާ ދިހަ މިނެޓް ފަހުންނެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އެވެ.
އަމިއްލަ ދަނޑުގައި ރޭ ސައުތުހެމްޓަން އަތުން ސިޓީ މޮޅުވެފައި ވަނީ 2-1 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގެ 47 ވަނަ މިނެޓުގައި ސިޓީއަށް ކެވިން ޑި ބްރޭނާ ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 75 ވަނަ މިނެޓުގައި އޮރިއޮލް ރޮމެއޫ ވަނީ ސައުތުހެމްޓަންއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ސިޓީއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު އެ ޓީމަށް ޖަހައިދިނީ ރަހީމް ސްޓާލިން އެވެ.
ރަށުން ބޭރުގައި ރޭ ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް މޮޅުވެފައި ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ. މެޗުގެ 17 ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ހޯދައިދިނީ ސާޑިއޯ މާނޭ އެވެ. މެޗުގެ 77 ވަނަ މިނެޓުގައި ލިވަޕޫލަށް މުހައްމަދު ސަލާހު ލީޑު ފުޅާކޮށްދިން އިރު، މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސަލާހު އެވެ.
ލީގު ތާވަލަށް ބަލައިލާ އިރު، ކުޅުނު 14 މެޗުން ލިބުނު 40 ޕޮއިންޓާ އެކު ތާޥަލުގެ އެއް ވަނައިގައި އަދިވެސް އޮތީ ސިޓީ އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 14 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮތް ޗެލްސީއަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް އާސެނަލަށް 28 ޕޮއިންޓް ލިބިފައިވާ އިރު، ފަސް ވަނައިގައި އޮތް ލިވަޕޫލަށް ލިބިފައި ވަނީ 26 ޕޮއިންޓެވެ.