30 Nov 2017, 11:27
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދ. މީދޫގައި ފެންބޮޑުވެ ގެއްލުންތަކެއް ވެއްޖެ އެވެ.
މީދޫ ސިއްހީ މަރުކަޒުގެ އިންޗާޖު އަރޫސާ އަބްދުލް ވާހިދު މިއަދު ސަން އަށް ވިދާޅުވީ ރޭ އިރާކޮޅުން ފެށިގެން އެ ރަށަށް ވެހެމުން ދިޔަ ވާރޭ އަދި ވެސް ހުއްޓާނުލާ ކަމަށާއި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފައި ކަމަށެވެ.
"ވިއްސާރައިގެ ސަބަބުން މުޅި ރަށުގައި ވަނީ ފެން ހެދިފައި. އާންމު ރައްޔިތުން ނިކުމެ ޕަންޕު ޖައްސައިގެން ރަށު ތެރެއިން ފެން ހިންދުމުގެ މަސަތްކަތް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ދ. މީދޫ އަށް ގެއްލުންތަކެއް ލިބިފައި --- ފޮޓޯ: ކިޔުންތެރިއެއް
އަރޫސާ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތަކަށް ވަނީ ފެން ވަދެފައި ކަމަށާއި ބައެއް ގެތަކުގެ ކާބޯތަކެއްޗާއި ހިފާ ގެންގުޅޭ ތަކެއްޗަށް ފެން ޖެހި ހަލާކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"ގެތަކުގެ އިތުރުން ޕްރީ ސްކޫލަށް ވެސް ވަނީ ވަރަށް ބޮޑަށް ފެން ވަދެ އެތަނުގައި ހުރި ބައެއް ތަކެއްޗަށް ފެން ވަދެފައި،" އޭނާ ވިދާޅުވި އެވެ.
މީދޫގައި ފެންބޮޑުވެ، ފެން ގަނޑު ނުހިދި ގެއްލުންތަކެއް ވަމުންދާތީ އެ ރަށަށް މިހާރު ވަނީ އެމްއެންޑީއެފްގެ ޓީމެއް ވެސް ގޮސްފަ އެވެ.

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ދ. މީދޫގައި ފެން ބޮޑުވެފައި --- ފޮޓޯ: ކިޔުންތެރިއެއް
ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާއިން މިހާރު ވަނީ ވައިޓް އެލާޓް ނެރެފި އެވެ.
އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 ން މެންދުރު 2:3އާ ހަމައަށެވެ.