07 Aug 2011, 14:00
ގުދްރަތީ އެކި ހާދިސާތަކުން ރަށްރަށަށް ލިބޭ ގެއްލުންތަކުގެ މައުލޫމާތު ވީހާވެސް އަވަހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ދިނުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު އެދިވަޑައިގެންފި އެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ، ރާއްޖޭގެ ބައެއް ރަށްރަށަށް މިހާރު އުދަ އަރަމުންދާތީ، އެ ރަށްރަށަށް ލިބެމުންދާ ގެއްލުންތަކުގެ މައުލޫމާތު ހޯދުމަށް، އެމަނިކުފާނު މިއަދު އެ ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، އެތަނުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، އުދަ އެރުމާއި އަދި އެފަދަ ގުދްރަތީ އެހެން ހާދިޝާތަކުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު އެއްކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށާއި އެފަދަ މައުލޫމާތުތައް ނުލިބޭ ކަމަށްވާ ނަމަ، ސަރުކާރުން ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރަށްރަށުގެ ކައުންސިލްތަކުންނާއި، އަތޮޅު ކައުންސިލްތަކުން މިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވުމަށާއި އެފަދަ ހާދިޝާތަކުގެ ތެދު މައުލޫމާތު، ލަސްނުކޮށް ފޮނުވުމަށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން މަސައްކަތް ކޮށްދިނުމަށް ވެސް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.
އަދި ހަމަ އެފަދައިން އެފަދަ ހާދިޝާތަކާ ބެހޭ މައުލޫމާތު އެއްކުރުމުގައި، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވެސް އިތުރު ހިތްވަރަކާ އެކު މަސައްކަތް ކުރުމަށް ނައިބު ރައީސް އެދިވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.