30 Nov 2017, 10:42
އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފަހައްޓައި ކީރިތި ރަސޫލާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސްކުރައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ކީރިތި ރަސޫލާ މުހައްމަދު ސޮއްލޮﷲ އަލައިހި ވަސައްލަމްގެ މިލާދުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގަ އެވެ.
ރައީސްގެ ހިތާބުގައި ވިދާޅުވެފައި ވަނީ އިސްލާމީ ރިސާލަތު ފެތުރުއްވުމުގައި ރަސޫލާ އަށް ދަތިތައް ކުރިމަތިވެ ވަޑައިގެންނެވި ނަމަވެސް އެކަލޭގެފާނު ދެއްކެވި ކެތްތެރިކަމުގެ ނަމޫނާ އިން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ.
ކީރިތި ރަސޫލާގެ ޢީދުމީލާދުގެ ޛިކުރާ އާކޮށް، އާލާކުރުމުގެ އެންމެބޮޑު ބޭނުމަކަށް ވާންޖެހެނީ އެކަލޭގެ ފާނުގެ ހަޔާތްޕުޅުން އިބުރަތް ލިބިގަތުން ކަމަށާއި އެ މަތިވެރި ގޮތްތަކާއި އުޞޫލުތައް ދަސްކޮށް، އެކަލޭގެފާނު ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރިއަރައިދާނީ، އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައިގެން، އެ މާތް ނަބިއްޔާ ދެއްކެވި މާތް ހިދާޔަތުގައި ދެމިތިބެގެން ކަމާމެދަކު ޝައްކެއްތް،" ރައީސްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އިސްލާމްދީނަކީ އެންމެ މަތިވެރި ދީން ކަމަށާއި އެދީނުގެ ހިދާޔަތުގައި ތިބެ، އިސްލާމީ ރިސާލަތު ފަތުރާ، އިސްލާމްދީނަށް ލޯބިކުރާ ބަޔަކުކަމުގައިވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.