30 Nov 2017, 03:23
ރާއްޖޭގެ އެންމެ އުތުރުން ހއ. އާއި ރ. އާ ދެމެދުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޯރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިރޭ ނެރުނު ޔެލޯ އެލާޓު ދެމިއޮންނާނީ ރާއްޖޭގެ އުތުރުގެ ފަސް އަތޮޅު ކަމުގައިވާ ހއ. އާއި ހދ. އާއި ށ. އާއި ނ. އަދި ރ. އަތޮޅާ ދެމެދަށެވެ.
ބުނީ ރާއްޖޭގެ އިރުއިތުރުން ސްރީލަންކާ ކައިރީގައި މިއަދު އުފެދުނު ކޮށިގަނޑުގެ ސަބަބުން ރާއްޖޭގެ އެ ފަސް އަތޮޅަށް ގުގުރައި ބޯކޮށް ވިއްސާރަކުރާނެ ކަމަށެވެ.
އެގޮތުން މިރޭ މެންދަމު 3:00 އިން ހެނދުނު 8:00 އާ ހަމައަށް އެ އަތޮޅުތަކަށް ވިލާގަނޑުގައި 55 މޭލަށް ވައިޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
ޔެލޯ އެލާޓް އާންމުކޮށް ނެރެނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެލާޓް ނެރޭ ސަރަހައްދުގެ މީހުންނަށް ނުރައްކާ ވެދާނެ ކަމަށް ފެންނަ ނަަމަ އެވެ.
މެޓް އޮފީހުން މިރޭ ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކޮށްފައެވެ.