ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ އެއްބަނޑު ކޮއްކޮ އިޝާން ކައްޓަރު އަދި ސްރީދޭވީ އާއި ބޯނީ ކަޕޫރުގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު އާއެކު ފިލްމު 'ދަޅަކް'ގެ ޝޫޓިން ފަށައިފި އެވެ.

ޝަޝާންކް ކައިތަން ޑައިރެކްޓުކޮށް، ދަރްމާ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސް ކުރާ އެ ފިލްމުގެ މަސައްކަތް ފަށައިފައި ވަނީ އިއްޔެ އެވެ.

ޝަޝާންކްގެ އިތުރުން ދަރްމާ ޕްރޮޑަކްޝަންސް އިން ވެސް ވަނީ ފިލްމުގެ މަސައްކަތް ފެށިކަން ޔަގީންކޮށްދީފަ އެވެ.

'ދަޅަކް' އަކީ މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު މަރާޓީ ފިލްމު 'ސައިރާތު' ގެ ރީމޭކް އެކެވެ. 'ސައިރާތު' އަށް ވަނީ މުޅި އިންޑިއާގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ. އެއީ މަސްވެރިއެއްގެ ފިރިހެން ދަރިފުޅާއި، ސިޔާސީ ލީޑަރެއްގެ އަންހެން ދަރިފުޅާ ދެމެދު އުފެދޭ ލޯބީގެ ގުޅުމުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

'ސައިރާތު' ބިނާކޮށްފައި ވަނީ މަހަރާޝްތްރަގައި ހިނގި ލޯބީގެ ހާދިސާއަކަށް ނަމަވެސް 'ދަޅަކް'ގައި ފެނިގެންދާ ލޯބިގެ ވާހަކަ ނިސްބަތް ވަނީ ރާޖަސްތާނަށެވެ.

'ދަޅަކް'ގެ ޕޯސްޓަރުތައް މިހާރު ދައްކާލާފައި ވާއިރު، ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު އެވެ.

މިއީ ޖާންވީގެ ފުރަތަމަ ފިލްމު ނަމަވެސް، އިޝާން ވަނީ މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އިން ފެނިގެން ގޮސްފަ އެވެ. އަދި ގޯއާގައި ނިމިގެން ދިޔަ ފިލްމު ފެސްޓިވަލުގައި އެ ފިލްމުން އޭނާ ވަނީ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް ހޯދައިފަ އެވެ.