30 Nov 2017, 02:32
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް ފަސޭހަ ކަމާއެކު ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު އެ މެޗު ނިއު އިން ކާމިޔާބު ކުރީ 1-5 ގެ ނަތީޖާ އަކުންނެވެ. ސެމީ ފައިނަލުގައި ނިއު އަށް ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗުގައި މާދަމާ ހަވީރު ކޮންފިއާ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްޜީޓްސް ބައްދަލު ކުރާ މެޗުން މޮޅުވާ ބަޔަކާއެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
އީގަލްސް އިން އެފްއޭ ކަޕަށް ނަގާފައި ވަނީ ޔޫތު ޓީމެކެވެ. އެގޮތުން މިރޭގެ މެޗުގައި ވެސް ވަރަށް އާ މޫނުތަކެއް ވަނީ ފެނިފައެވެ. ނަމަވެސް ނިއު އިން މެޗަށް ނެރުނީ ފުދޭވަރަކަށް ވަރުގަދަ ޓީމެކެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް ނިއުއިންނެވެ. މި ލަނޑު މެޗުގެ 24 ވަނަ މިނެޓުގައި ޖަހައިދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭގެ ނުވަ މިނެޓު ފަހުން ހުސައިން އެލްޑޯރް ވަނީ އިތުރު ލަނޑެއް ޖަހައި ނިއުގެ ލީޑު ފުޅާ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އީގަލްސްގެ މުސައްނިފް މުހައްމަދު ވަނީ ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް އާއި ނިއު ރޭޑިއަންޓް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދެވަނަ ހާފު ފެށިގެން މާ ގިނަ އިތުރަކެއް ނުވެ ނިއު އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ލީޑު އަނެއްކާވެސް ފުޅާ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހަސަން އަދުހަމް އެވެ. މެޗުގެ ބާކީ ބައި ނިއުއިން ކުޅުނީ ވަރަށް ހަމަޖެހިލައިގެންނެވެ. އެގޮތުން 76 ވަނަ މިނެޓުގައި ހުސެއިން އެލްޑޯރް ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. އަދި ނިއުގެ ފަސް ވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ އިބްރާހިމް ފަޒީލް(އޮއްޕޮ) އެވެ.
މުބާރާތުގެ ފުރަތަމަ ކުއާޓާ ފައިނަލް މެޗުގައި މިއަދު ހަވީރު މާޒިޔާއިން ވަނީ 0-3 ގެ ނަތީޖާއަކުން މުއިވެޔޮ ފްރެންޑްސް ކްލަބު ބަލިކޮށްފައެވެ.