30 Nov 2017, 02:18
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން(އެންއައިސީ)ގެ ރައީސްގެ މުސާރަ އެހެނިހެން މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރައާ އެއް ހަމަ ކުރުމަށް މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން ފާސްކުރި އުސޫލާ އެއްގޮތަށް އަސާސީ މުސާރަ އާއި ލިވިން އެލަވަންސާއެކު އެންއައިސީގެ ރައީސްގެ މުސާރައަކީ 45،000 ރުފިޔާއެވެ. އަދި މެޑިކަލް އިންޝުއަރެންސަށް އަހަރީ އަހަރީ ޕްރިމިއަމްގެ ގޮތުގައި 14،500 ރުފިޔާ އާއި ފޯން އެލަވަންސަށް 1،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

މުސާރައިގެ އޮނިގަނޑުގެ ތަފްސީލު
އެ ގޮތަށް މުސާރައިގެ އޮނިގަނޑަށް ބަދަލު ކުރަން ފާސްކޮށްފައި ވަނީ މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވި ޕީޕީއެމް އަދި އެމްޑީއޭގެ 30 މެންބަރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ މުސާރައިގެ އޮނިގަނޑު މާލިއްޔަތު ކޮމިޓީން އަލުން މުރާޖާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހަށް އިއްވަމުން އެ ކޮމެޓީގެ މުގައްރިރު އަދި ވިލިމާފަންނަ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެންއައިސީގެ ރައީސް އަކީ ވެސް އެހެނިހެން މިނިވަން މުއައްސަސާތަކުގެ ރައީސުންނެކޭ އެއްގޮތަށް ޒިންމާތަކެއް ކޮނޑުގައި އެޅިފައިވާ ފަރާތެއް ކަމަށެވެ.
"..ކުރައްވަންޖެހޭ މަސަތްކަތްތަކާ ގުޅިގެން އެހެނިހެން މުއައްސަސާތަކުގެ ވެރިންނާ އެއް ހަމައެއްގައި މަސަތްކަތް ކުރައްވާ ބޭފުޅަކަށް ވާން އެބަޖެހޭ. އަދި އެއާ އެއްފަދަ އިނާޔަތްތަކާ މުސާރަ އެއްވެސް ހަމަ ދެވިފަ ހުންނަ ބޭފުޅަކަށް ވާން އެބަޖެހޭ،" ކޮމެޓީ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން ނިހާން ވިދާޅުވިއެވެ.
"މިހާރު މި ގެނެވެދިޔަ ބަދަލާ ގުޅިގެން އާންމުގޮތެއްގައި އަޅުގަނޑުމެން މިކިޔާ ބާވަތުގެ މިނިވަން މުއައްސަސާތަކާއި ކޮމިޝަންތަކުގެ ރައީސުނަށް އެކަށައެޅިފައި އޮންނަ މުސާރަ އެންއައިސީގެ ރައީސަށް ވެސް ހަމަޖެހިގެން ދިޔަވާހަކަ ދަންނަވަން،" ނިހާން ވިދާޅުވިއެވެ.
މުސާރަ ބޮޑު ކުރުމުގެ އިތުރުން އެ ހުށަހެޅުމަށް ވަނީ އެއް އިސްލާހެއް ވެސް ގެނެއިސްފައެވެ. އެއީ އެންއައިސީގެ ރައީސް އަށް ކާރު އެލެވަންސް ދިނުމަށެވެ. އެހެންކަމުން އެހެން މުއައްސަސާތަކުގެ ރައީސުންނާ އެއްގޮތަށް ދައުލަތުން ކާރަކާއި ކާރު ދުއްވާނެ ޑްރައިވަރަކު ހަމަޖައްސައި ދޭން ޖެހޭނެއެވެ. އަދި ޑްރައިވަރުގެ މުސާރައަށް-/6500 ރ. އަދި ޕެޓްރޯލް އެލަވަންސްގެ ގޮތުގައި -/1000 ރ. ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ.