ސްރީ ލަންކާގެ ކައިރީގައި މިއަދު އުފެދުނު ކޮޅިގަނޑުގެ ބާރުގަދަވެ އެ ގައުމަށް ކުރިއަށް އޮތް 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި އެވެ.

ލަންކާގެ މީޓިއޯރޮލޮޖިކަލް ޑިޕާޓްމަންޓުން ނެރުނު ނޯޓިސްއަކާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރު ކޮޅިގަނޑު މިހާރު ވަނީ ޑިޕްރެޝަން އަށް ބަދަލުވެފަ އެވެ.

އެ ގައުމުން އިއުލާން ކުރި ރެޑް ނޯޓިސްގައި ބުނެފައި ވަނީ، ކޮޅިގަނޑުގެ ބާރު އަދި ދާނީ އިތުރަށް ގަދަވަމުންނެވެ. އަދި ސްރީ ލަންކާގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ގާތްގަނޑަކަށް 60-70 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ކޮޅިގަނޑުގެ ބާރުގަދަ ވާ ގަޑިތަކުގައި ގާތްގަނޑަކަށް 80-70 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ރެޑް ނޯޓިސްގައި ބުނެފައިވެ އެވެ.

ވާރޭ ވެހޭނެ ކަމަށް ލަފާ ކޮށްފައިވާ ގޮތަށް ބަލާއިރު، ލަންކާގެ ދެކުނު ޕްރޮވިންސަށާއި މެދުތެރޭގެ ޕްރޮވިންސަށާއި އުވަ ޕްރޮވިންސް އަދި ހުޅަނގު ޕްރޮވިންސަށެވެ. އެ ސަރަހައްދުތަކަށް ގާތްގަނޑަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، ލަންކާގެ އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާއެކު ރެޑް ނޯޓިސް ނެރެފައިވާއިރު، އެގައުމުގެ ފުލުހުން ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ލަންކާގެ ޑެއިލީ މިރާ ނޫހަށް ލަންކާ ފުލުހުންގެ ތަރުޖަމާން ރުވާން ގުނަސޭކަރަ ވިދާޅުވީ، ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހި ގެއްލުންތައް ލިބިފައިވާ ބައެއް ސަރަހައްދު ތަކަށް މިހާރު ފުލުހުން ފޮނުވާާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް ގޯލް، މާތަރާ އަދި އަމްބަލަގޮޑާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވެފައިވެ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވައިގަދަވެ ރެއިލްވޭ މައްޗަށް ގަސްތައް ވެއްޓުމުގެ ސަބަބުން އައްސޭރި ފަށުގެ ރޭލު ދަތުރުތައް ހުއްޓިފައިވާއިރު، ބައެއް ސަރަހައްދު ތަކަށް ކަރަންޓު ވެސް ކެނޑިފައިވާ ކަމަށެވެ.