ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ ޗައިނާއާ އެކު ދިވެހިރާއްޖެ އިން ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ފުޅާ ދާއިރާއެއްގައި ދިރާސާކުރި ކަމަށް އެ ކޮމެޓީގެ މުގައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮމެޓީގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން ރިޒާ އެހެން ވިދާޅުވެފައިވަނީ އެ އެއްބަސްވުމާ ގުޅިގެން އިދިކޮޅު މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އިދިކޮޅު މެންބަރުން ވިދާޅުވަމުން ގެންދަނީ ޗައިނާއާއެކު ހަދާފައިވާ އެއްބަސްވުން ދިރާސާކުރުމަށް ލިބުނީ ދިހަ ވަރަކަށް މިނެޓް ކަމަށާއި ސަރުކާރުން އަވަސް އަރުވާލައިގެން އެ އެއްބަސްވުން ފާސްކުރަން އުޅުނު ސަބަބު އިދިކޮޅު ފަރާތްތަކުން ބަލާނެ ކަމަށެވެ.

ރިޒާ ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި އެ މިނިސްޓްރީގެ ފަންނީ ބޭފުޅުން ހާޒިރު ކޮށްގެން ގެންދިޔަ ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ފުޅާ ދާއިރާއެއް ގައި ކަމަށެވެ.

"މިނިސްޓްރީގެ ބޭފުޅުން ވެސް ވަނީ ވަރަށް ގިނަ މަޝްވަރާތަކަކާއި މައުލޫމާތުތަކެއް ހިއްސާކޮށްފައި. އެގޮތުގެ މަތިން އެ ދެއްވި މަޝްވަރާއާއި ކޮމެޓީގެ މެންބަރުންނަށް ފެނިވަޑައިގެންނެވި ރަނގަޅު ކަންކަމުގެ މައްޗަށް ބިނާކޮށް މި މިއްސަލަ ވަނީ ކޮމެޓީގެ އަޣުލަބިއްޔަތުން ފާސްކޮށްފަ،" ރިޒާ ވިދާޅުވިއެވެ.

މިނިސްޓްރީގެ ފަންނީ ބޭފުޅުން ދިން މައުލޫމާތުތަކުން އެނގޭގޮތުގައި ޗައިނާއަށްވުރެ ބޮޑަށް ފައިދާ ވެގެންދާނީ ރާއްޖެއަށް ކަމަށް ރިޒާ ވިދާޅުވިއެވެ. އަދި އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ ދިވެހި މަސްވެރިންނަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެޓީގެ ހުށަހެޅުމަށް ބަހުސް ކުރައްވަމުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަމަށް ވެސް އެ އެއްބަސްވުމުގެ ސަބަބުން ފައިދާ ކުރާނެ ކަމަށެވެ.

"މި އެގްރިމެންޓާ ގުޅިގެން 300 އެތައް ބާވަތެއްގެ މަހުން އުފައްދާ އުފެންދުންތައް ޗައިނާގައި އަޅުގަނޑުމެނަށް ވަރަށް ފަސޭހަ ގޮތަކަށް މޭކެޓް ކުރެވި ވިއްކޭނެ އުސޫލުތަކެއް ގާއިމްކުރެވިގެން މި އަންނަނީ،" ޖަމީލް އުސްމާން ވިދާޅުވިއެވެ.