07 Aug 2011, 13:47
ހ. ބައިކަނޑިގޭ މަރިޔަމް ނަޒާހާގެ ކުރީގެ ފިރިމީހާ، މއ. އެދުރުގޭ ހަސަން ޝާހިދު )ޝާޑު( 34، ގަސްތުގައި މަރާލި ކަމުގެ ކުށްސާބިތުވެގެން ނަޒާހާ 25 އަހަރަށް ޖަލަށް ލުމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމަށް ބުނެ އުމުރުން 21 އަހަރުގެ ނަޒާހާ، ގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އޭނާގެ ކުރީގެ ފިރިމީހާ އަދި ދަރިފުޅުގެ ބައްޕަ ޝާޑުއަށް ވަޅިއަކުން ހަމަލާ ދިނުމުން އޭނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެފައިވާތީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ކްރިމިނަލް ކޯޓު އިއްވި ހުކުމްގައި ބުނަނީ، ހަސަން ޝާހިދު ބުރައްކައްޓަށް ވަޅިއަކުން ހަމަލާދީފައިވާކަން މަރިޔަމް ނަޒާހާގެ އިއުތިރާފުން އެނގޭ ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން ޝާހިދަށް ލިބުނު އަނިޔާ އަށް ފަރުވާދެމުން ދަނިކޮށް އެދުވަހުގެ ހަވީރު 4.15 ގައި އޭނާ މަރުވެފައިވަނީ، ބުރައްކަށީގެ ކަނާތް ފަޅިއަށް ތޫނު އެއްޗެއް ހެރުމުގެ ސަބަބުން، މޭގެ ކަނާތް ފަޅިއަށް ލެއާއި ވައި ޖަމާވެ، ހިތް ހުއްޓިގެން ކަމަށް އޭނާގެ މެޑިކަލް ލީގަލް ރިޕޯޓުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
އެހެންކަމުން، ދައުލަތުން ނަޒާހާގެ މައްޗަށް ކުރި ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކޯޓުން ވަނީ އޭނާ އުމުރަށް ޖަލަށް ޖުލަށް ހުކުމް ކޮށްފަ އެވެ. އަދި ކައްފާރާއެއްގެ ގޮތުން ވިދިވިގެން ހަނދުމަހުން ދެ މަސްދުވަހު ރޯދަ ހިފުމަށް އަންގައި ހުކުމްކޮށްފައިވެ އެވެ.
އަދި އޭނާ އުމުރަށް ޖަލަށް ލާން ހުކުމް ކުރީ ޝާހިދުގެ ވާރުތަވެރީންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި ވާރުތަވެރިން ގިސާސް ހިފަން ބޭނުން ނުވާތީ އާއި އަދި މަރުގެ ދިޔަ ވެސް ނަޒާހާގެ އަތުން ހޯދަން ބޭނުން ނުވާ ކަމަށް އެމީހުން ބުނެފައިވާތީ ނާޒާހާގެ ކިބައިން ގިސާސް ހިފޭނެ ތަނެއް ނެތުމުން ކަމަށް ވެސް ކޯތުގެ ހުކުމްގައި ބުނެ އެވެ.
އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ނަޒާހާގެ ވަކީލް ވިދާޅުވެފައި ވަނީ ނަޒާހާ ޝާޑުއަށް ވަޅިން ދިން ހަމަލާއަކީ އޭނާގެ ފިރިމީހާގެ އަނިޔާވެރިކަން ބޮޑުވުމުން އަމިއްލަ ޖާނު ދިފާއު ކުރުމަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ޝާޑުގެ ބުރަކަށްޓަކަށް ވަޅި ހަރާލީ އޭނާ މަރާލުމަށް ނޫން ކަމަށް ނަޒާހާގެ ވަކީލް ކޯޓްގައި ވިދާޅުވެފައި އެވެ.
ވަކީލް އަދި ވިދާޅުވެފައި ވަނީ ޝާޑު ނަޒާހާއާ ރައްޓެހިވެގެން އުޅުނު އިރު، އަދި ކައިވެނިކޮށްގެން އުޅުނު އިރުވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އަދި ދެ މީހުން ވަރިވިފަހުން ދިން އަނިޔާތަކުގެ ސަބަބުން ނަފްސާނީ ގޮތުން ނަޒާހާއަށް "ބެޓާޑް ވުމަން ސިންޑްރޯމް" ކިޔާ ބައްޔެއް ޖެހިފައިވާ ކަމަށެވެ.
ޝާހިދުގެ ގަޔަށް ވަޅި ހަރާފައި ވަނީ ޖޫން 22، 2010 ވަނަ ދުވަހު ދަރިފުޅު ގާތަށް ޒިޔާރަތްކޮށްގެން އުޅެނިކޮށް ހ. ބައިކަނޑިގޭގަ އެވެ. ޝާހިދު މަރުވީ ބުރަކައްޓަށް ވަޅި ހެރިތާ ގަޑިއެއްހާއިރު ފަހުން އޭޑީކޭ ހޮސްޕިޓަލުގަ އެވެ.