ރާއްޖެ އާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރި ގާއިމު ކުރުމަށް ސަރުކާރުން މަޖިލީހަށް ހެޅި އެއްބަސްވުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މެމްބަރުންގެ އަގުލަބިއްޔަތުން މިރޭ ރުހުން ދީފި އެވެ.

އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ދިނީ ޖަލްސާގައި ބައިވެރިވި 30 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ބިލު ދިރާސާ ކުރަން ފޮނުވި ގައުމީ ސަލާމަތު ކޮމެޓީން، އެ ބިލަށް ރުހުން ދޭން ހޭދަ ކުރީ އެންމެ 10 މިނެޓް ކަމަށް އިދިކޮޅު މެންބަރުން ވިދާޅުވެއެވެ.

ގައުމީ ސަލާމަތު ކޮމެޓީން އެ ބިލު ދިރާސާ ކުރުމަށްފަހު ކޮމެޓީ ރިޕޯޓު މަޖިލީހަށް ހުށަހެޅުއްވީ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުއެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި މިނިސްޓްރީގެ ޓެކްނިކަލް ފަރާތްތަކާ އެކު ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ.

އިދިކޮޅު މެންބަރުން ބޮއިކޮޓް ކޮށްފައިވާ އެ ޖަލްސާގައި ކޮމެޓީ ރިޕޯޓް ބަހުސްކޮށްފައި ވަނީ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން އެކަންޏެވެ.

"އެގްރިމެންޓްގެ ސަބަބުން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑެތި އުފާވެރި ކަންތައްތަކެއް ލިބިގެން މިއަންނަނީ. މި އެގްރިމެންޓްގެ ތެރެއިން މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާޔަތުގެ އިތުރުން ހާއްސަކޮށް ދަނޑުވެރިކަމުގެ ސިނާޔަތައް ބޭނުންވާ އެކި އެކި ސާމާނު ރާއްޖެއަށް ގެނައުމާއި ބޭރުކުރުމުގަ ފަސީހަތެކެއް ލިބިގެން ދާނެ،" ޖަމީލް އުސްމާން ވިދާޅުވިއެވެ.

މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިންއިރު، އެ އެއްބަސްވުމަށް ރުހުން ހޯދަން މަޖިލީހަށް ހުށަހެޅީ މިއަދު އެވެ. މަޖިލީހަށް ހުށަހެޅީ ކެބިނެޓުން މިއަދު އެގޮތަށް ނިންމުމަށްފަހު އެވެ.

އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ 2014 ވަނަ އަހަރު ސަރުކާރުން ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމުގެ މަސައްކަތް ފެށި ކަމަށާއި އެފަދަ އެއްބަސް ވުމަކަށް ވަންނަން ނިންމީ 2011 ވަނަ އަހަރު އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީ ވަމުން އަންނަ ގައުމަކަށް ދިވެހި ރާއްޖެ ބަދަލްވުމާ ގުޅިގެން ރާއްޖެ އިން އެކްސްޕޯޓް ކުރާ މަހަށް ބޭރު ދުނިޔެއިން ޑިއުޓީ ނަގަން ފެށުމާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމަށެވެ.