29 Nov 2017, 21:29
ޗާއިނާ އާއި ރާއްޖެއާ ދެމެދު ގާއިމު ކުރުމަށް މިއަދު ކެބިނެޓުން ފާސްކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާ މެދު އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިއަދު ޗައިނާއާ އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުން ފާސްކުރުމަށް ޖަލްސާ ބޭއްވި އިދިކޮޅު ފަޜާތްތަކަށް ކުރިން އެނގުމަކާ ނުލައި ކަމަށެވެ.
އިންތި ވިދާޅުވީ މިއަދު ހުށަހެޅި އެގްރީމަންޓުގެ ބިލް އެޖެންޑާކޮށްފައި ވަނީ ސިއްރުން ކަމަށާއި އަދި އެކަމަށް ކުރިން ނޯޓިސް ވެސް ދީފައި ނުވާ ކަމަށެވެ. އަދި އެގްރިމަންޓް ބަލާލުމަށް ލިބުނީ އެންމެ ދިހަ މިނެޓް ކަމަށާއި އޭގައި ހުރި ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމުގެ ފުރުސަތު ވެސް ލިބިފައިނުވާ ކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ފާސްކުރީ ރައްޔިތުންނަށް އެނގުމަކާ ނުލައި ވަރަށް ސިއްރުން ކަމަށް އިންތި ތުހުމަތު ކުރައްވަ އެވެ. އަދި އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށާއި އެކަންތައްތައް ގުޅިފައިވާ ޕާޓީތަކުން ބަލާނެ ކަމަށް ވެސް މިއަދު ބައްދަލުވުމުގައި އިންތި ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނަށް ނޯޓިސް ދިނުމެއް ނެތި ޖަލްސާ ބާއްވައިގެން އޭގައި ވީނުވިއެއް ނޭނގި ޓްރޭޑް އެގްރީމަންޓަށް ލެޖިޓަމިސީ ދިނުމަށް މަސައްކަތްކުރެއްވިތަން މިފެނުނީ. ރައްޔިތުންގެ މަޖުލީހުގެ ދިރާސާ ކޮމެޓީ އަށް ފޮނުވުމަށް ފަހު 10 މިނިޓް ވެސް ނުދީ އިދިކޮޅުފަރާތްތަކަށް ކިޔާލުމުގެ ފުރުސަތު ވެސް ނުދީ ވާއެއްނުވާއެއް ނޭނގި ކޮމެޓީން ފާސްކުރި ކަމުގެ މައުލޫމާތު އަޅުގަނޑުމެންނަށް ލިބިފައި ވަނީ،" އިންތި ވިދާޅުވި އެވެ.
މިއަދު ހެނދުނު ކެބިނެޓުން ފާސްކުރި، ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެއްބަސްވުމުގެ ހުރިހާ ފައިދާއެއް ކުރާނީ ރާއްޖެ އަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ ދުނިޔޭގައި ވެސް ޗައިނާ ފަދަ ބޮޑު އިގްތިސާދެއް އޮތް ގައުމަކާ އެކު މިގޮތަށް ކުޑަ ގައުމަކުން ވެވޭ ފުރަތަމަ އެއްބަސްވުން ކަމަށެވެ.