29 Nov 2017, 19:31
ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަގޫދޫ ބަލިކޮށް ކުޑަފަރީން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް ދޭއްގެ މެޗު ކުޑަފަރި ކަމިޔާބު ކުރީ 1-3 ގެ ނަތީޖާ އިންނެވެ. އެމޮޅާއެކު ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓު ލިބި ކުޑަފަރި ވަނީ އެ ގްރޫޕުގެ ދެވަނަ މަގާމު ހޯދާފައެވެ. އެއްވަނާގައި އޮތީ އެއް މެޗު މަދުން ކުޅެގެން ހަ ޕޮއިންޓާއެކު ހެނބަދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަގޫދޫ އާއި ކުޑަފަރީ ބައްދަލު ކުރި މެޗުގެ ތެރެއިން--
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ކުޑަފަރީ އެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖަޒްލާން އާދަމެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާއާއެކު ކުޑަފަރީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި މަގޫދޫ އިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ އާރިފް ހަސަން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ ހަތް މިނެޓު ފަހުން ކުޑަފަރީގެ ހާމިދު ފާއިޒް ވަނީ ލަނޑެއް ޖަހައި ކުޑަފަރީ އަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގައިދީފައެވެ. މެޗުން ކުޑަފަރީ އަށް ތިން ޕޮއިންޓް ޔަގީން ކޮށްދިނީ މުހައްމަދު ޖުނައިދެެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަގޫދޫ އާއި ކުޑަފަރީ ބައްދަލު ކުރި މެޗުގެ ތެރެއިން--
މުބާރާތުގައި މާދަމާ ކުޅޭ ގްރޫޕު ދޭއްގެ މެޗުގައި ބައްދަލުކުރާނީ މަނަދޫ އާއި ހެނބަދޫ އެވެ.
ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މަގޫދޫ އާއި ކުޑަފަރީ ބައްދަލު ކުރި މެޗުގެ ތެރެއިން--
މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.
ގްރޫޕް އެކެއް:
ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.- ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
- ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.
ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.