ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މުއިވެޔޮ ފްރެންޑްސް ކްލަބު ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗު މާޒިޔާ އިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. ސެމީ ފައިނަލުގައި މާޒިޔާ ވާދަކުރަން ޖެހޭނީ މިދިޔަ އަހަރުގެ ރަނަރަޕް ޓީސީ ސްޕޯޓްސް ކްލަބާއެވެ. ޓީސީ އަށް ވަނީ އެންމެެ ފަހުގެ ރަނަރަޕްގެ ގޮތުގައި ސެމީގެ އޮޓަމެޓިކް ޖާގައެއް ކަށަވަރު ވެފައެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މުއިވެޔޮ ފްރެންޑްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާޒިޔާ އިން ފުރަތަމަ އެގާރާގައި ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ވަނީ ފުރުސަތު ދީފައެވެ. މެޗު ފަށައިގެން މާޒިޔާ އިން ވަނީ ރަނގަޅު ހަމަލާތަކެއް މުއިވެޔޮއާ ދެކޮޅަށް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އަހުމަދު އިމާޒް ވަނީ ލަނޑެއް ޖަހައި މާޒިޔާ އަށް ލީޑު ނަގައިދީފައެވެ.

މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ޖަހައިދިނީ އައްސަދު އަލީ އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފައެވެ. މި ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ޑިފެންޑަރު ސަމޫހު އަލީ(ސަމުއްޓެ) އެވެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި މުއިވެޔޮ ފްރެންޑްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުބާރާތުގެ ކުއާޓާ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ 21:00 ގައި ބައްދަލު ކުރާނީ އުރީދޫ ދިވެހި ޕްރިމިއަ ލީގުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ.