07 Aug 2011, 13:30
ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ހިއުމަން ރިސޯސް އިން ހުޅުވާލި ލޯނު ސްކީމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު އެކެއް ޖަހާއިރަށް ހަމަވާން ކައިރިވި އިރު، ގިނަ އަދަދެއްގެ ބަޔަކު ފޯމު ހުށަހަޅަން ގޮސް ތިބުމުން އެމިނިސްޓްރީގެ ކައުންޓަރު ކައިރީ ބާރުބޮޑުވެއްޖެ އެވެ.
ސަރުކާރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ހުޅުވާލި 10.6 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ޝައުގުވެރިވާ ގާތްގަނޑަކަށް 70 އެއްހާ މީހުން ފޯމު ހުށަހެޅުމަށް ސުންގަޑި ހަމަވިއިރު ގޮސް ތިއްބެވެ. ފޯމު ބަލައިގަނެވޭނީ އެކެއް ޖަހަންދެން ކަމަށް ކައުންޓަރުން އިއުލާން ކުރި ނަމަވެސް، ގިނަ ބަޔަކު އެތަނުގައި ފޯމު ހުށަހެޅުމަށް ގޮސް ތިބުމުން ސުންގަޑީގެ ކުރިން އެތަނަށް ގޮސް ތިބި އެންމެނަށް ވަނީ ކިޔޫ ނަންބަރު ދޫކޮށްފަ އެވެ.
އަދި އެއިން ކޮންމެ ނަންބަރަކުން ދެ ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ދީފަ އެވެ.
ސުންގަޑި ހަމަވި ފަހުން ވެސް އެތަނަށް ބަޔެއް މީހުން ދިޔަ އެވެ. އެފަރާތްތަކުން ފޯމު ހުށަހެޅީ ކުރިން ގޮސް ތިބި މީހުންނަށް ލިބުނު ނަންބަރުތައް ބޭނުންކޮށްގެންނެވެ.
ހިއުމަން ރިސޯސް އިން މިއަދު ބުނި ގޮތުގައި، ބެޗެލާސް ޑިގްރީ ފެންވަރުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ދީފައިވާ މި ލޯން ސްކީމަށް ގާތްގަނޑަކަށް 700 އެއްހާ މީހުން ކުރިމަތިލާފައިވެ އެވެ.
ނަމަވެސް، ސްކީމްގެ ދަށުން ލޯން ދޫކުރެވޭނީ މަތިން މާކްސް ލިބޭ ފަރާތްތަކަށް ފައިސާ ދޫކުރަމުން ގޮސް، ލޯނަށް ކަނޑައަޅާފައިވާ މިންވަރު ހަމަވަންދެން ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި އެއް ލައްކައާއި ތިން ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ފައިސާ ދޫކުރާނެ އެވެ.
ލޯނަށް ހޮވޭ ފަރާތްތަށް އިއުލާން ކުރުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީގެ ވެބްސައިޓުގަ އެވެ.