29 Nov 2017, 16:27
މީގެ އެއް މަސް ކުރިން ބަޔާންގެ ކޯޗުކަމާ ހަވާލުވި ޔުޕް ހޭންކެސް މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލާނެ ކަމަށް އެ ކުލަބުގެ ސީއީއޯ ކާލް ހެއިންޒް ރުމެނިގޭ ބުނެފި އެވެ.
ބަޔާންގެ ކޯޗުކަމާ ހޭންކެސް ހަވާލުވީ އެ މަގާމުގައި މީގެ ކުރިން ހުރި ކާލޯ އެންޗެލޯޓީ އެ މަގާމުން ވަކިކުރުމާ ގުޅިގެން މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް ހޭންކެސް ހަވާލުވުމުން ޓީމުން ނެރޭ ނަތީޖާތައް ރަނގަޅުވާން ފެށުމުން އޭނާ އިތުރު މުއްދަތަކަށް ކްލަބުގައި މަޑު ކުރުމަށް ގިނަ ބަޔަކު ދަނީ އެދެމުންނެވެ.
މިދިޔަ އާދީއްތަ ދުވަހު ޖަރުމަނު ލީގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން 1-2 އިން ބަލިވި މެޗަށް ފަހު ވަހަކަ ދައްކަމުން ހޭންކެސް ބުނީ ކުލަބުގައި މަޑުކުރަން ނިންމާފައި ނުވާނެ ކަމަށާއި ކޮންޓްރެކްޓްގައި ވާ ގޮތުން ސީޒަން ނިމުމުން ބަޔާން އިން ނުފެންނާނެ ކަމަށެވެ. ބަޔާންގެ ސީއީއޯ ރުމެނިގޭ ވެސް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.
ހޭންކެސް މަޑުކުރަން އުޅޭ ކަމުގެ ވާހަކަތައް ދެކެވެން ފެށީ ބަޔާންގެ ރައީސް އުލި ހޮއެނެސް ބަޔާންގެ އަހަރީ ޖަލްސާގައި ހޭންކެސްއަށް ތައުރީފުކޮށް އޭނާ މަޑުކުރުމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށް ބުނުމުންނެވެ.
ނަމަވެސް ހޮއެނެސްގެ ބުނި ބުނުން އިތުރަށް ތަފްސީލު ކޮށްދެމުން ރުމެނިގޭ ބުނީ ހޭންކެސްގެ ކުރި މަގާމެދު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
"ހޮއެނެސް އަސްލު ބެނެދޭން މަސައްކަތް ކުރީ ހޭންކެސްގެ އަށް އޭނާ ކުރާ އިހުތިރާމު. ހޭންކެސް ބޭނުން ވަނީ އެއްބަސްވުމާ އެއްގޮތަށް ސީޒަން ނިންމާފައި ކުލަބު ދޫކޮށްލަން. އެކަމަކަށް އަހަރެމެން އިހުތިރާމު ކުރަން،" ރުމެނިގޭ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އަންނަ ސީޒަނަށް ކޯޗެއް ހޯދުމަށް ދިގު މުއްދަތެއްގެ ވަގުތު ބޭނުންވާ ކަމަށާއި ހޭންކެސްގެ އެހީގައި އެކަން ކުރަން ބޭނުންވާ ކަމަށެވެ.
އުމުރުން 72 އަހަރުގެ ހޭންކެސް ވަނީ 2013 ވަނަ އަހަރު ބަޔާނަށް ޖަރުމަނު ލީގާއި ޖަރުމަނު ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމަށްފަހު ކޯޗުކަމުގެ ދާއިރާއިން ދުރަށް ގޮސްފައެވެ.