ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ (އެފްއެސްއެލް) އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް (އެފްއައިއެސް) އެއްކޮށްލައިފިއެވެ.

މި ދެފެކަލްޓީ އެއްކޮށްލައި، ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީސް ގެ ނަމުގައި ފެކަލްޓީ އެއް ވަނީ އުފައްދައިފައެވެ.

އެފްއެސްއެލް އުވާލަން އުޅޭކަމަށް މި މަހުގެ ކުރީކޮޅު ވާހަކަ ދެކެވުނު ނަމަވެސް އެ ވާހަކަ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފް ވަނީ އޭރު ދޮގު ކުރައްވައިފައެވެ. މި މަހުގެ ހަވަނަ ދުވަހު ފަވާޒު ސަން އަށް ވިދާޅުވީ އެއްވެސް ފެކަލްޓީ އެއް އުވާލަން ނޫޅޭ ކަމަށާ، "ރީ ސްޓްރަކްޗަރިންގެ މަސައްކަތް އަބަދުވެސް ކުރާ" ކަމަށެވެ.

އެފްއެސްއެލް އާއި އެފް އައިއެސް އެއްކޮށްލުމަށް ޔުނިވާސިޓީގެ ކައުންސިލުން ހުއްދަ ދިނީ މީގެ ދެހަފްތާ ކުރިންނެވެ.

މިކަމާ ގުޅިގެން ޑރ ފަވާޒު ސަންއަށް ވިދާޅުވީ މި ބަދަލުގެ ސަބަބުން އެއްވެސް މާއްދާއަކަށް ނޫނީ ކޯސް މޮޑިއުލް އަކަސް ބަދަލެއް ނާންނާނެ ކަމަށެވެ. އެއްގޮތް މާއްދާތައް އެއްކޮށްލާ، ފުށުއެރުން ހުރި މާއްދާތައް އިތުރު ކޮށްލުން ފިޔަވާ އެއްވެސް ބަދަލެއް ކޯސްތަކުގެ މާއްދާތަކަށް ނުގެންނަ ކަމަށް ފަވާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޔޫގެެ ފެކަލްޓީ އޮފް ސައިންސް އާއި ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީ އެއްކޮށްލުމަށްވެސް ވަނީ ނިންމައިފައެވެ. އެއާއެކު މި ދެ ފެކަލްޓީ ގެ ކޯސްތައް ދެން ހިންގާނީ ފެކަލްޓީ އޮފް އިންޖިނިއަރިން ސައިންސް އެންޑް ޓެކްނޮލަޖީގެ ނަމުގައެވެ. މި ބަދަލުތަކާއެކު މި ފެކަލްޓީތަކުން ހިންގި އެއްވެސް ކޯހަކަށް ބަދަލެއް ނާންނާނެ ކަމަށް އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ އާއިޝަތު ޝާހީން މިއަދު ވިދާޅުވިއެވެ.