މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ތާވަލްކުރުމުން 12 މެމްބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން އަންގާރަ ދުވަހަށް ފަސްކޮށްފިއެވެ.

މިއަދު މެންދުރުފަހު 3:00 އަށް އަޑުއެހުން ތާވަލްކޮށްފައިވަނިކޮށް ކުއްލިގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވަނީ ނިންމާފައެވެ. އެހެންވެ ބައެއް މެމްބަރުން ވަނީ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށްދިނުމަށް އެދި ކޯޓަށް ސިޓީ ފޮނުވާފައެވެ.

ބާރަ މެމްބަރުންގެ މައްޗަށް އުފުލާފައި ވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާއެވެ. އަދި އެ މެމްބަރުންގެ ތެރެއިން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ މައްޗަށް ވަނީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އުފުލާފައެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ސަރަހައްދުން ފުލުހުންެގެ ސަފުތައް ފޫއަޅުވާލާފައިވާ ކަމަށް ތުހުމަތު ކޮށެވެ.

އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސައުދު އާއި ވައްޑޭ އަދި އަމީތުގެ މައްޗަށް އުފުލާފައި ވަނީ އެ ދެ ބޭފުޅުންނަކީ މަޖިލިސް މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މަޖިލީހުގެ ތެރެއަށް ވަދެފައިވާތީ އެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފައެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ފިޔަވައި އެހެން އެންމެން ވަނީ ވަކީލުން ހަމަޖައްސާފައެވެ.

ދައުވާ އުފުލާފައިވާ މެމްބަރުންނަކީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް
  • ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ސޯލިހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު