ލ. ގަން ތުނޑި ވުޑުލޭންޑް އަހްމަދު ނިޒާރު މަރާލި މައްސަލައާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި 16 އަހަރާއި އަށް މަސް ދުވަހަށް "ކުއްޖަކު" ޖަލަށް ލުމަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ޖުވެއިނަލް ކޯޓުން އެ ކުއްޖާ ޖަލަށްލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. މިހާރު އެކުއްޖާގެ އުމުރަކީ 21 އަހަރެވެ. ހާދިސާ ހިނގި އިރު އެކުއްޖާގެ އުމުރަކީ 17 އަހަރެވެ.

ނިޒާރު މަރުވެފައި ވަނީ 2013 ޖުލައި 14 ވަނަ ދުވަހުގެ ރޭ ދަންވަރު 2:23 އެހާކަން ހާއިރު، ލ. ގަން ސިނާއީ މަގުން ދެކުނުން އުތުރަށް އޭނާ ސައިކަލުގައި ދަނިކޮށް ބަޔަކު މީހުން އޭނާއަށް ހަމަލާދިނުމުގެ ސަބަބުންނެވެ.

އެ މައްސަލާގައި އެކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ މައްސަލަ ހައިކޯޓުން ބެލުމަށް ފަހު މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ، ނިޒާރު ވެއްޓިފައި ވަނީ އެ ކުއްޖާ އެއްލި އެއްޗަކުން ޖެހިގެން ކަމަށް ހެކިންގެ ހެކިބަހުގައި ބުނެފައި ނުވިނަމަވެސް އެހަމަލާ ދިން ވަގުތު އެކަމުގައި ބައިވެރިވި އެހެން މީހުންނާ އެކު އެ ކުއްޖާ ހުރިކަމަށް ހެކިބަހުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.

އޭގެ އިތުރުން އެ އަމަލު ހިންގުމުގެ ކުރިން ބަޔަކާ ބައިވެރިވެގެން ވަކި މީހަކު ހޯދުމަށް ރަށުތެރޭގައި ހިނގައި ގޭގެއަށް ވަދެ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ބަސްމަގާއި އަމަލުތައް ބަހައްޓާފައިވާކަން ހެކިންގެ ހެކިބަހުން އެންގެން އޮންނަ ކަމަށް އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އަދި ލަކުޑިބުރި އާއި ދަގަނޑު ހޮޅިބުރި ފަދަތަކެތި ބޭނުން ކޮށްގެން އެ އަމަލު ހިންގާފައިވުމުގެ ސަބަބުން މީހަކަށް ޖިސްމާނީ ގޮތުން ގެއްލުންވުމުގެ ސަބަބުން ނިޒާރު މަރުވެފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.

އެހެން ކަމުން އެ އަމަލުތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިޒަމްގެ އަމަލުތަކުގެ ތެރެއަށް ފެތޭ އަމަލެއް ކަމަށް ބެލެވޭ ކަމަށް އެ ހުކުމްގައިވެއެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ، ޖުވެނައިލް ކޯޓުން އެ ކުއްޖާ 16 އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ކުރި ހުކުމަަށް ބަދަލެއް ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ޖުވެނައިލް ކޯޓުގެ ހުކުމަށް ވަނީ ތާއީދުކޮށްފަ އެވެ.