ދައުލަތުގެ މުއައްސަސާތަކުން ހުސްވާ ޖާގަތަކަށް މުވައްޒަފުން ހޯދުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު ސާކިއުލާ ބަޔާނުގައި ބުނެފައި ވަނީ ހުއްދަ ނަގަން ޖެހުމުގެ ސަބަބުން ދައުލަތުގެ އިދާރާތަކަށް އިދާރީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެކަމަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެ މިނިސްޓްރީ އިން ބުނީ މުވައްޒަފުން ހޯދަން ވާނީ މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ބަދަލުގަ އެވެ. ސާކިއުލާގައި ބުނެފައި ވަނީ އެ މަގާމުތަކަށް މުވައްޒަފުން ހޯދޭނީ އެ އިދާރާއެއްގެ އެންމެ އިސް ވެރިޔާގެ ހުއްދައާ އެކު އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހެއްގެ ހުއްދައާ އެކު ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މުވައްޒަފަކު ނެގުމުގެ ކުރިން މުސާރަ އާއި އިނާޔަތްތައް ބަޖެޓްގެ ތެރެއިން ހަމަޖެހިފައިވާތޯ ފައިނޭންސް އެގްޒެކްޓިވް ކަށަވަރުކުރަން ވާނެ ކަމަށެވެ.