އިންޓަމިލާން އަށް ހޮލެންޑް ތަރި ވެސްލޭ ސްނައިޑާ ލީޑް ނަގައިދީފައިވަނިކޮށް އިޓަލީ ޗެމްޕިއަން އޭސީމިލާން އިން ފަހަތުންއަރައި ދެ ލަނޑު ކާމިޔާބުކޮށް އިޓާލިއާން ސުޕަކަޕް ކާމިޔާބުކޮށްފި އެވެ.

ބެއިޖިންގްގައި ކުޅުނު މިމެޗްގައި ސްނައިޑާޖެހި ލަނޑާ އެކު ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ދިހަ މިނެޓްތެރޭގައި އޭސީމިލާން އިން ވަނީ ދެ ލަނޑުޖަހައި ލީޑް ނަގާފަ އެވެ.

އިންޓަ މިލާންގެ ސްނައިޑާ ވިއްކާލުމަށް ތައްޔާރުވެފައިވާކަމަށް ބުނިތާ މާގިނަދުވަސްތަކެއް ނުވަނީސް ސްނައިޑާ މިވަނީ މެޗްގައި އިންޓަމިލާން އިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ އޭނާގެ މުހިންމުކަން ޓީމަށް ސާބިތުކޮށްދީފަ އެވެ.

އިނގިރޭސި ކްލަބް މެންޗެސްޓާ ސިޓީއިން 36 މިލިޔަން ޕައުންޑް ސްނައިޑާއަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ އާންމުވެފައިވާ މީޑިއާ ރިޕޯޓަކުން ހާމަވެ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް އެންމެ ހޯދުމަށް އެންމެ މަސައްކަތްކުރި އެއްކުޅުންތެރިއަކަށް ސްނައިޑާވަނީ ވެފަ އެވެ.

މެޗްގެ 22 ވަނަ މިނެޓްގައި ސްނައިޑާގެ ހިތްގައިމު ހިލޭޖެހުމަކުން އިންޓަމިލާނަށް ލީޑް ނަގައިދީފައިވެ އެވެ.
މެޗްގެ ފުރަތަމަ ހާފް އިންޓަމިލާން އަތުގައި ލީޑް އޮވެ ނިންމާލިނަމަވެސް އިންޓަމިލާންގެ ކުރީގެ ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗް ވަނީ އޭސީމިލާނަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން އޭސީމިލާންގެ ކެވިން ޕްރިންސް ބޯޓެންގް ވަނީ އޭސީ މިލާނަށް ލީޑް ނަގައިދީފަ އެވެ.

މިމެޗް 2-1 ން ކާމިޔާބުކޮށް އިޓަލީ ޗެމްޕިއަން އޭސީމިލާންއަކީ އަންނަ ސީޒަންގެ ފޭވަރިޓުންކަން ވެސް އެހެން ޓީމުތަކަށް އަންގައިދީފައިވެ އެވެ.

އެގޮތުން ރޭގެ ތަށި މިލާނުން ހޯދުމުން އެޓީމް މިހާރު ވެފައި ވަނީ، މިމުބާރާތުގެ ތަށި އެންމެ ގިނައިން ހޯދި އެއް ޓީމަށެވެ. އެގޮތުން މިލާނުން މިވީހާތަނަށް ހަ ވަނަ ފަހަރަށް މުބާރާތުގެ ތަށި ކާމިޔާބު ކޮށްފައިވާ އިރު، އިންޓަ މިލާނުން މުބާރާތުގެ ތަށި ހޯދާ ފައި ވަނީ ޖުމްލަ ފަސް ފަހަރު އެވެ.