29 Nov 2017, 13:34
ހދ. ހަނިމާދޫގައި ކަސްޓަމްސްގެ ހިދުމަތްތައް ހަރުދަނާކޮށް ދިނުމަށް ޓަކައި ކަސްޓަމްސްގެ އިމާރާތެއް އެ ރަށުގައި ހުޅުވައިފި އެވެ.
މިއަދު ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ކަސްޓަމްސްގެ އިމާރާތް ރަސްމީކޮށް ހުޅުވައި ދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ ކަސްޓަމްސްގެ ހިދުމަތް ފުޅާ ކުރުމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވަރަށް އިސްކަމެއްދީގެން ބައްލަވަމުން އަންނަ ކަމެއް ކަމަށެވެ.
ހަނިމާދޫގައި ކަސްޓަމްސްގެ އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ ކަސްޓަމްސް
"އަލަށް މި ގާއިމްކުރެވިގެން ދިޔަ ކަސްޓަމްސްގެ އިމާރާތުގެ މައިގަނޑު މަސައްކަތްތަށް އަމާޒުކުރަން ވާނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރުމަށް. އިމާރާތާ އިންވެގެން ލިބިފައިވާ ބިމުގައި މުސްތަގްބަލްގައި ބޮންޑެޑްވެއާ ހައުސްގެ އިމާރާތެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ބޮންޑެޑްވެއާހައުސް އެޅުމުގެ ސަބަބުން ކައިރި ސަރަހައްދުގައި ހިމެނޭ ރިސޯޓްތަކަށް ވެސް އެ ވެއާ ހައުސްތަކުގެ ހިދުމަތް ފުޅާ ދާއިރާއެއްގައި ލިބިގެންދާނެކަމަށެވެ.
ހަނިމާދޫގައި ކަސްޓަމްސް އިމާރާތް އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ފެށިފައިވާ އިރު އިމާރާތް އެޅުމަށް 7.1 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ.