ރާއްޖެ ޓީވީގައި ތުހުމަތުގައި ޓެރަރިޒަމްގެ އުފުލާފައިވާ، ހ. ގަސްވާ، މުހައްމަދު މީއާދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މިއަދު 11:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލުކުރި، އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކުރި ސަބަބު ހޯދުމަށް އެ ކޯޓުގެ މީޑިއާ އޮފިސަރަށް ގުޅުމުން ފޯނު ނުނަންގަވާތީ ސަބަބު އެނގޭގޮތެއް ނުވިއެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އޯގަސްޓުމަހުގެ 14 ވަނަ ދުވަހު އެވެ. އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ފަސް ހެކިންގެ ތެރެއިން އެވެ. އެއީ ރާއްޖެޓީވީ ރޯކޮށްލި ރޭ އެތަނަށް ދިޔަ ތިން ފުލުހުންގެ ހެކިބަހެވެ.

އެ ތިން ފުލުހުންވެސް ހެކިބަސްދެމުން ބުނީ، އެރޭ އެ ސަރަހައްދުން އަންގިއެއް ފެނުނު ކަމަށެެވެ. ނަމަވެސް އެ އަންގިއާ ރާއްޖެޓީވީ ހިންގި އިމާރާތުގައި ރޯކޮށްލުމާ ހުރި ގުޅުމެއް ނޭނގޭ ކަމަށް އެ ތިން ފުލުހުންވެސް ވަނީ ބުނެފަ އެވެ.

ދައުލަތުން ހުށަހެޅި ފަސް ހެކިންގެ ތެރެއިން އެއް ހެކިވެރިއެއްގެ ހެކިބަސްވަނީ، މީގެ ކުރިން ނަގާފަ އެވެ.

މިއަދު ބޭއްވުމަށް ތާވަލު ކުރި އަޑުއެހުމުގައި ނެގުމަށް ހަމަޖެހިފައިވަނީ ފަސް ހެކިންގެ ތެރެއިން ބާކީ ހުރި ހެކިވެރިޔާގެ ހެކިބަސް ނެގުމެވެ.

ބީކޭޓީ ބިލްޑިންގްގައި ހުންނަ ރާއްޖެ ޓީވީގެ އިމާރާތުގައި 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ފަތިހު 4:42 އެހާކަންހާއިރު ހުޅުޖެހުމުގެ ސަބަބުން ރާއްޖެ ޓީވީގައި ހުރި ހުރިހާ އިކުއިޕްމަންޓެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ. އަދި އެ ބިލްޑިންގައި ހުންނަ ކޮމްޕިއުޓާ ޕްލަސް ގުދަނުގައި ހުރި ހުރިހާ ތަކެއްޗެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަށް އަނދައިފަ އެވެ.