29 Nov 2017, 12:56
ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ "މައިލްސް ފޯ ސްމައިލްސް" ޗެރިޓީ ރަންގެ ޕާޓްނަރުންނާ އެކު މިއަދު ސޮއިކޮށްފި އެވެ.
މިއަދު ސްޕޯޓްސް ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ ޖެންޑާ މިނިސްޓްރީ، މޭޑް ރަނާސް އަދި އިބްރާހިމް ސާއިދު އަލީއާ އެކު އެވެ. ސާއިދު އަކީ މި ދުވުމުގައި 24 ގަޑި އިރު ވަންދެން ދުވާނެ އެތްލީޓެވެ.
"މައިލްސް ފޯ ސްމައިލްސް" އަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެނޫނަސް މުޖުތަމައުއާ އެކަހެރި ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނުމަށް ހާއްސަކޮށްގެން ސްޕޯޓްސް ކޯޕަރޭޝަނުން އުފެއްދި "ލެޓްސް ޕްލޭ" ކެމްޕޭނަށް ފަންޑް ހޯދުމަށް ބާއްވާ ދުވުމެކެވެ.
ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރު އަބްދުއްރައްޒާގް އިބްރާހިމް ވިދާޅުވީ މި ދުވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00ގައި މާފަންނު އެކުވެރި ޓްރެކުގައި ކަމަށެވެ. އަދި އެ ދުވުން ނިމޭނީ އަަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުގެ ހަވީރު 4:00ގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އާންމު އެންމެންނަށް ވެސް ވަނީ ހުޅުވާލެވިފައި. އެގޮތުން ބައިވެރިވާ ކޮންމެ ކުޑަ ކުއްޖެއްގެ އަތުން 20 ރުފިޔާ އަދި ބޮޑު މީހެއް އަތުން 60 ރުފިޔާގެ ފީއެއް ނެގޭނެ. މީގެ އިތުރުން 24 ގަޑި އިރުވަންދެން އެކްޓިވްކޮށް މި ރަން ގެންދިއުމަށް ސްޓޯލްތަކާއި މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ކުރިއަށް ދާނެ. ބޮޑަށް ކާނިވަލެއް ގޮތަށް ކުރިއަށް ދާނީ މި ދުވުން." ރައްޒާގް ވިދާޅުވި އެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް ހުޅުވާލައިފަ އެވެ.